11،000 އަށްވުރެ ގިނަ ދަރިވަރުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފިއެވެ.
ރާއްޖޭގެ ސްކޫލްތަކުގައި އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން ރާއްޖޭގެ ކިޔަވާ ކުދިންނަށް ޖަހަމުން އަންނަނީ ފައިޒަރ ވެކްސިނެވެ. ފައިޒަރ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންދަނީ ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 214 ސްކޫލަކުން 35،152 ދަރިވަރަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. މީގެ ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ، 88 ސްކޫލެއްގެ 11،653 ދަރިވަރަކު ވަނީ ވެކްސިން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
ރާއްޖޭގެ ސްކޫލްތަކުގައި އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހޭނެ، ގާތްގަނޑަކަށް 40000 ދަރިވަރުން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގަމުންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ވެކްސިން ޖަހަން ދާ މަރުކަޒުތަކުގައި ދަރިވަރުން ކިއޫގައި ޖެހެން ނުޖެހޭނެއެވެ. އެމިނިސްޓްރީން ވިދާޅުވީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެ ސަރަޙައްދާއި އަތޮޅުތަކުގައިވެސް ވެކްސިން ސެންޓަރުތަކުގައި ޑޮކްޓަރުން ތިއްބަވާނެކަމަށެވެ. އަދި ވެކްސިން ޖެހުމަށް ދަރިވަރުންދާއިރު، ރަނގަޅަށް ކައިގެން ދިއުމަށް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.
ކޯވިޑް-19އާއި ގުޅިގެން ފާއިތުވެދިޔަ ދޮޅު އަހަރުދުވަހުގެ ތެރޭގައި ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މިދިޔަމަހުގެ 10 ވަނަ ދުވަހު އަލުން ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީ ކުރިއަށްވުރެ ވަރުގަދަ ފިޔަވަޅުތަކާއެކުގައެވެ. ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ އިތުރަށް ވެކްސިން ނުޖަހާ ފަރާތްތަކަށް މިމަހުގެ އެކަކުން ފެށިގެން ސްކޫލްތަކަށް ނުވަދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.