މީގެ 25 އަހަރު ކުރިންފެށިގެން ހިނގަމުން އައި ބިދޭސީ ވަގުފާރީގެ މައްސަލަ މިސަރުކާރުން މިހާރު ހުއްޓުވާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ބިދޭސީން އުޅޭ ޢަދަދާއި ގުޅޭގޮތުން މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ހުށައެޅުއްވި ސުވާލަށް މަޖިލީހުގައި މިއަދު ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، މިހާތަނަށް ހޯދުނު މައުލޫމާތުތައް ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު 281000 ބިދޭސީން އެބަތިބިކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝަށް ނިސްބަތްވާ 63754 މީހެއްކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދެއްކިނަމަވެސް ބަންގްލަދޭޝްގެ މީހުންގެ ޢަދަދު 100000 އަށްވުރެ މަތިވެދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ބިދޭސީން އެތެރެވާ މިންވަރު ބަލަހައްޓާ ނިޒާމް މީގެކުރިން އެންމެ އެކަށީގެންވާގޮތުގައި ބެލެހެއްޓިފައިނުވާކަމަށެވެ. އެހެންކަމުން ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ ޢަދަދު ސާފުނުވާކަމަށާއި، ނަމަވެސް ސަރުކާރުން މިހާތަނަށް އެ ނިޒާމަށް ބަދަލުގެނެސް އިތުރު ބަދަލުތަކެއް ގެންނަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މިކަމަކީ ވަރަށް ހަޑި މުޑުދާރު ހާލަތެއްގައި ދިވެހި ރާއްޖެ އޮތްކަމެއް. ތިބޭފުޅުންނަށް އަޅުގަނޑަކަށް ޔަގީނެއްނޫން، ތިޔަބޭފުޅުންނަށް ވަޒަން ކުރެވޭނެ ކަމެއްވެސް. ރެކޯޑެއް ބެލެހެއްޓިފައި ނެތް. ނޫނީ ގަސްތުގައި ބަލަހައްޓާފައިނެތީ. އަދިވެސް އަޅުގަނޑުމެން މިއުޅެނީ އެކްސްޕެޓް އޮންލައިން ސިސްޓަމޭ ކިޔާފަ އިންނަ ސިސްޓަމަކީ އޮންލައިން ސިސްޓަމެއްނޫން. އަދިވެސް އަޅުގަނޑުމެން މިއުޅެނީ އެއަށް ގެންނަވާ ބަދަލުތައް އެއްކޮށް ނުގެނެވިގެން."
މިނިސްޓަރގެ ވާހަކަފުޅުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރަނގަޅު މަސައްކަތެއް މިހާތަނަށް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެކަން ތަފާސް ހިސާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބަހުރިކަމަށާއި، ބިދޭސީންގެ މައްސަލައަކީ ފާއިތުވި 25 އަހަރުތެރޭގައި އުފެދިފައިވާ މައްސަލައެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އިންސާނީ ވަގުފާރީގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ބިދޭސީންގެ ވަގުފާރިގެ މައްސަލަތައް އެންމެ ގިނައިން ހިނގަމުން އަންނަނީ ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ ތެރޭގައިކަމަށެވެ. އަދި އެއީ ވަރަށް އަނިޔާވެރިކޮށް ހިނގަމުން އައިކަމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. ނަމަވެސް މިސަރުކާރުން އެކަމަށް ހައްލު ގެނެސްފައިވާކަމަށާއި، އިންސާނީ ވަގުފާރި މިހާރު ރާއްޖޭގައި ހިނގަމުން ނުދާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ބިދޭސީން ގެނައުމަށް ދޫކޮށްފައިވާ ކޯޓާގެ ތަފްސީލްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ބަންގްލަދޭޝް މީހުން ގެނައުމަށް އެވްރެޖުކޮށް 20،000 ކޯޓާ ދޫކޯށްފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން އެ ޢަދަދުތައް ފާއިތުވި ދެ އަހަރުގެ ތެރޭގައި 100އިން ދަށްކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.
"މައިގަނޑުކޮށް ހިނގާފައިހުރީ ބަންގްލަދޭޝް މީހުންނާ ދިވެހިންވެސް އަދި ސަރުކާރުތަކުގެ މުއައްސަސާތަކުގެ މީހުންނާވެސް ގުޅިގެން އެކަން ކޮށްފައިއޮތީ. މިހާރު އެކަމެއް ނުހިނގާ. 2019ގައި ސެޕްތެމްބަރުގައި އަޅުގަނޑު ހަވާލުވިފަހުން ބަންގްލަދޭޝްގެ ވާކްޕާމިޓް އިޝޫކުރެވިފައިމިުވަނީ 89 މީހުންނަށް. 2021ގަ 24 މީހުންނަށް. މިއީ އޭގެ ކުރިން 20،000އިން މަތީގައި ޢަދަދުތައް ހުރި. އިންސާނީ ވަގުފާރިއެއް މިހާރު ރާއްޖެއަކު ނެތް. ނަމަވެސް އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭ ވަރަށް ބައިވަރު ކަންތައް އެބަހުރި." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 2013 އަހަރުން ފެށިގެން 2018އަށް ބަންގަލަދޭޝްގެ މަސައްކަތްތެރިން ގެނައުމަށް 115،800 ޕާމިޓް ދޫކޮށްފައިވާކަމަށެވެ. ނަމަވެސް 2019 އިން ފެށިގެން މިއަހަރުގެ މިހާތަނަށް އެ ޢަދަދުތައް 11،000އަށް ދަށްކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާގެ މަސައްކަތްތެރިން ގެނައުމަށް 2013 އިން 2018އަށް 43،100 ޕާމިޓް ދޫކޯށްފައިވާކަމަށާއި، ނަމަވެސް 2019 އިން ފެށިގެން މިހާތަނަށް މިއަދަދުވެސް 23،000އަށް ދަށްކުރެވިފައިވާކަމަށްވެސް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.