ކޯވިޑް-19

މިއަދުވެސް ކޯވިޑްގެ ޢަދަދުތައް 100 އިން މަތީގައި


ރާއްޖެއިން އިތުރު 103 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެއެވެ.

މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 82،500 އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 103 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 35 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 56 މީހަކު ހިމެނެއެވެ. އަދި ރިސޯޓުތަކުން 9 މީހަކު ޕޮޒިޓިވްވެފައިވާއިރު، ސަފާރީތަކުން 3 މީހުން ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 82،578 އަށް އަރާފައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2،102 އަށް އަރާފައެވެ. ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ އަދަދަކީ 12 އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 82 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން އެއްކޮށް ރަނގަޅުވި މީހުންގެ ޢަދަދުވަނީ 80،236 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 3،815 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 227 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.