ޚަބަރު

ޕާސްޕޯޓް ގެންގުޅުމުގައި އިތުރަށް ސަމާލުވުމަށް އެދިއްޖެ


ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ބޮޑެތި ޖަރީމާތައް
ހިންގަމުންދާތީ، ޕާސްޕޯޓް ގެންގުޅުމުގައި ހުރިހާ އެންމެންވެސް އިތުރަށް
ސަމާލުކަންދިނުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން
އިލްތިމާސްކުރައްވައިފިއެވެ.



ޑިޕާޓްމަންޓް އޮފް
އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި ދިވެހި ޕާސްޕޯރޓް
ގެއްލޭ ޢަދަދު އަންނަނީ އަހަރުން އަހަރަށް މަދުވަމުން. އެ ޑިޕާޓްމަންޓުން
ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2013 ވަނަ އަހަރު ތޭރަސަތޭކަ ވަރަކަށް
ޕާސްޕޯޓް ގެއްލިފައިވެއެވެ. 2014 ވަނަ އަހަރު ގެއްލިފައިވަނީ 500 ޕާސްޕޯޓް. އަދި
މިއަހަރުގެ މިހާތަނަށް ގެއްލުނުކަމަށް ހުށަހަޅާފައިވާ ޕާސްޕޯޓްގެ ޢަދަދަކީ 374.



ޑިޕާޓްމަންޓް އޮފް
އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި ގެއްލޭ ޕާސްޕޯރޓްގެ
ޢަދަދު މަދުވާ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއްކަމަކީ، ޕާސްޕޯރޓް ހެދުމުގެ
އަގުބޮޑުކުރެއްވުމުން ޕާސްޕޯރޓް ރައްކާތެރިކަމާއެކު ބަލަހައްޓަން މީހުން ދޭ
ސަމާލުކަން އިތުރުވުމެވެ. އަނެއް ސަބަބަކީ، ޕާސްޕޯރޓް ގެއްލުމުން
ޖުރުމަނާކުރެއްވުމުގެ އުޞޫލު ތަންފީޒުކުރައްވަމުން ގެންދެވުމެވެ. އަދި ކުރިއާ
ޚިލާފަށް ޕާސްޕޯރޓާމެދު މީހުންގެ ހޭލުންތެރިކަން އިތުރުވުމަކީވެސް ޕާސްޕޯރޓް
ގެއްލޭ މިންވަރު މަދުވާ ސަބަބެކެވެ.



އިމިގްރޭޝަން
ޑިޕާޓްމަންޓުން ވިދާޅުވާ ގޮތުގައި މިހާރު ޕާސްޕޯރޓް ގެއްލޭ ޢަދަދަކީވެސް މަދު
ޢަދަދެއްކަމަށް ބެލޭކަށް ނެތެވެ. އެއީ ގެއްލޭ އެންމެ ޕާސްޕޯރޓެއްގެ ސަބަބުންވެސް
ޕާސްޕޯރޓް ވެރިފަރާތަކާއި ޕާސްޕޯޓް ނިސްބަތްވާ ޤައުމަށް ހުރި ގެއްލުމުގެ
ބޮޑުކަމުންނެވެ. 



ގެއްލޭ ޕާސްޕޯޓަކީ،
އެހެން މީހަކު އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކޮށް ވަރަށް ބޮޑެތި ޖަރީމާތައް
ހިންގަފާނެ އެއްޗަކަށްވާތީ މިފަދަ ވަރަށް ނުރައްކާތެރި ކަންތައްތައް ހިނގާފައި
އެބަހުރިކަން އެ ޑިޕާޓްމަންޓުން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި، އެ ޕާސްޕޯރޓް
ބޭނުންކޮށްގެން ޕާސްޕޯޓްގެ ވެރިމީހާގެ ނަމުގައި އޮޅުވާލައިގެން ޓޫރިސްޓް
ހޮޓާތަކުގެ ޚިދުމަތް ހޯދުމާއި ޕާސްޕޯރޓްގެ ވެރި ފަރާތުގެ ނަމުގައި ޤައުމުތަކަށް
އެތެރެވުމާއި ކުށުގެ ބޮޑެތި ޢަމަލުތައް ކުރުން ހިމެނޭކަން ޓީވީއެމްގެ ރާއްޖެ
މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިމިގްރޭޝަންގެ މިޑިއާ އޮފިސަރ
ޙަސަން ޚަލީލް ފާހަގަކުރެއްވިއެވެ.



ކަން މިހެން
ހުރުމާއެކު ޕާސްޕޯޓް ގެންގުޅުމުގައި ރައްކާތެރިވުމަށާއި ޚާއްޞަކޮށް،
މިދުވަސްވަރަކީ ސްކޫލް ޗުއްޓީގެ ދުވަސްވަރުކަމަށްވާތީ ގިނަބަޔަކު ބޭރު
ޤައުމުތަކަށް ދަތުރުކުރާއިރު މިކަމަށް އިތުރަށް ސަމާލުވުމަށް އިމިގްރޭޝަން
ޑިޕާޓްމަންޓުން އެދިވަޑައިގަންނަވައެވެ. އަދި ގިނަ ދިވެހިންގެ ޕާސްޕޯޓް ގެއްލިފައިވަނީ އަމިއްލައަށް
ފަރުވާކުޑަކުރެވިގެންކަންވެސް އިމިގްރޭޝަނުން ފާހަގަކުރެއެވެ.