ވޯލްޑްކަޕް ކޮލިފައިންގެ ޔޫރަޕިއަން ކޮލިފައިން ގުރޫޕްގައި ސްޕެއިން މޮޅުވެ ގުރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ރަށުން ބޭރުގައި ސްޕެއިން މޮޅުވީ ކޮސޯވޯއާ އަތުން 2-0 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންނަށް ލީޑްނަގައިދިނީ ފުރަތަމަހާފްގައި ވެސްޓްހޭމްގެ ފޯވާޑް ޕަބްލޯ ފޯނަލްސްއެވެ. ރޭގެ މެޗަކީ އޭނާ ސްޕެއިންގެ ގައުމީޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. ފޯނަލްސް ވަނީ ހުސްވި ސީޒަންގައި 21 އަހަރުން ދަށުގައި ޔޫރަޕައިން ޗެމްޕިއަންޝިޕް ސްޕެއިނާއެކު ކާމިޔާބުކޮށްފިއެވެ. ސްޕެއިން ލީޑުއިތުރަށް ފުޅާ ކުރީ މެޗު ނިމެން ދެމިނިޓަށް ވެފައިވަނިކޮށް މެންޗެސްޓަރ ސިޓީގެ ފޯވާޑް ފެރަން ޓޮރޭސްއެވެ.
ރޭގައި މި ގުރޫޕްގައި ގްރީސް މޮޅުވެ ކޮލިފައިން ޕްލޭއޯފް ޖާގައަށް ވަނީ ފޯރިގަދަވެފައެވެ. ގްރީސް އަމިއްލަ ދަނޑުގައި 2-1 ލަނޑުން ސްވިޑަން އަތުން މޮޅުވި އިރު މި ގުރޫޕްގައި އެއްވަނައިގަ 13 ޕޮއިންޓުގައި އޮތް ސްޕެއިން ދެން އޮންނާނީ ސްވިޑަން މެޗެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް ސްވިޑެން ދެވަނައިގައި އޮތީ 9 ޕޮއިންޓާއެކުގައެވެ. ސްވިޑަންވުރެ ތިން ޕޮއިންޓު މަދުން ހޯދައިގެން ގްރީސް އޮތީ ގުރޫޕުގެ ތިންވަނައިގައެވެ. ކޮސޯވޯއަށް ހަތަރު ޕޮއިންޓް ލިބޭއިރު ގުރޫޕުގެ ފުލުގަ އޮތް ޖޯޖިއާއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.