ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރާ ކޯޓާގެ ޢަދަދު 2018 ވަނަ އަހަރަށްވުރެ މިސަރުކާރުގެ ފާއިތުވި 3 އަހަރު %55 ދަށްކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރ.އަލިފުށީގައި ޖޮބް ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަލިފުށީގައި ޖޮބް ސެންޓަރުގެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ރ. އަލިފުށީ ކައުންސިލްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެއްބަސްވުމުގެ ދަށުން، ވިޔަފާރި ރެޖިސްޓްރޭޝަން އާއި އެކްސްޕެޓް ޕޯޓަލް އާ ގުޅޭ މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.
އަލުފުށީގައި ޖޮބް ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ރާއްޖޭގައި އަބަދުވެސް އިވޭ އަޑަކީ ދިވެހިންނަށް ވަޒީފާނެތްކަމުގެ ވާހަކަކަމަށެވެ. އަދި ވިޔަފާރިތަކުން އިވެނީ ދިވެހިން އެތަންތަނުގެ ވަޒީފާއަށް ނުލިބޭކަމުގެ ޝަކުވާކަމަށާއި، އެފަދަ ހުރިހާ ކަމަކަށް ޖޮބް ސެންޓަރުން ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށްވެސް ގިނަ މަޢުލޫމާތުތަކެއް މިސެންޓަރުން ލިބިގެންދާނެކަމަށާއި، އެގޮތުން ވަޒީފާއަށް މީހުން ބޭނުންވާ މިންވަރަށް ތަމްރީން ލިބިފައިތިބި މީހުން ދެނެގަނެވި އެ ތަމްރީން ވެސް ދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް ލަސްވެފައިވީ ނަމަވެސް އެކަންވެސް ކައިރި މުސްތަޤްބަލެއްގައި ކުރެވިގެންދާނެކަމަށެވެ. އަދި މަސައްކަތުގެ ދާއިރާގެ ރައްކާތެރިކަމުގެ ބިލު މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރޭޑް ޔޫނިއަންއާ ބެހޭ ބިލު ފަރުމާކުރަމުން އަންކަމަށާއި، އާންމުންގެ ޚިޔާލަށް ހުޅުވާލުމަށްފަހު މަޖިލީހަށް މިއަހަރުގެ ތެރޭގައި ފޮނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ވަޒީފާގެ ބާޒާރަށް ބަދަލުތަކެއް ގެންނަންޖެހޭ. އަންނަ އަހަރު އެ ބިލްތައް ފާސްވެގެންދާނެ ކަމަށް އުއްމީދުކުރެވޭ." އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 24 ހާސް ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާކަމަށެވެ.
"ބިދޭސީންގެ މައްސަލައަކީ ޒަމާނުއްސުރެ ދޫކޮށްލެވިފައިވާ މައްސަލައެއް. މިކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތުން ކޯވިޑްގެ ހާލަތާއެކުވެސް ހިތްހަމަޖެހޭ މަސައްކަތްތަކެއްވަނީ ކުރެވިފައި. އެގޮތުން ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ފުރަތަމަ 43000 މީހުން ރަޖިސްޓްރީ ކުރި. މިހާތަނަށް ޑޮކްމިއުމަންޓް ފުރިހަމަނުވާ 10000 މީހުން އަމިއްލައަށް އެދިގެން ފޮނުވާލެވިއްޖެ. ޑޮކިއުމަންޓް ހަމަ 14000 މީހުން އެދިގެން ފޮނުވާލެވިއްޖެ. ޖުމްލަ 24000 ބިދޭސީން މިވަނީ މަދުކުރެވިފައި. ރެގިއުލަރައިޒޭޝަން ޕްރޮގްރާމަށް 5000 މީހުން ވަދެއްޖެ. އަދި އިތުރު 5000 މީހުން އެ ޕްރޮގްރާމަށް ވަދެގެންދާނެ."އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ބިދޭސީން ރާއްޖެ ގެނައުމަށް ދޫކުރާ ކޯޓާގެ ޢަދަދު 2018 ވަނަ އަހަރަށްވުރެ ފާއިތުވި ތިން އަހަރުތެރޭ %55އަށް ދަށްކުރެވިފައިވާކަމަށެވެ. އަދި ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށާއި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ހިންގޭ ޕްރޮގްރާމް އަދިވެސް ހަރުދަނާކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރ މެދުވެރިކޮށް ދިވެހި މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތު ފަހިވެ، ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ވަޒީފާ އިއުލާންކުރުމުން ފެށިގެން، ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ޝޯޓްލިސްޓް ކުރުމާއި، އިންޓަރވިއުކޮށް ވަޒީފާއަށް ހޮވުމާ ހަމައަށް ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެ މަގުފަހިކޮށްދިނުމަށް ޖޮބް ސެންޓަރ ޕޯޓަލްއަށް ބަދަލުގެނެވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ވަޒީފާގެ ބާޒާރު ހަރުދަނާ ކުރުމުގެ މެންޑޭޓްގެ ދަށުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިފަދަ ފަރާތްތަކަށް ޚާއްސަކޮށް ވަޒީފާގެ ފުރުސަތު ހުޅުވާލުމުގެ ފުރުސަތު ޖޮބް ސެންޓަރގައި ޤާއިމުކުރެވިފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.