ސަރުކާރުން ޤާއިމް ކޮށްފައިވާ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއަކަށް އެދި ރަޖިސްޓްރީކޮށް، ވަޒީފާ ބޭނުންވެފައިވާ އެކަށީގެންވާ މީހަކު ހުރެއްޖެނަމަ އެ މީހަކަށް ވަޒީފާ ނުދީ ބޭރު މީހަކު ގެނައުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅިުވީ ރ.އަލިފުށީގައި ޖޮބްސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެ ފިޔަވާ އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ޖޮބް ސެންޓަރެއް ހުޅުވުމަށް ރ.އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޖޮބް ސެންޓަރ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ, ޖޮބް ސެންޓަރެއް އަތޮޅުތެރޭގައި ޤާއިމްވެގެން ދިއުމަކީ ވަރަށް މުހިންމު ފެށުމެއްކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި ވަޒީފާ ބޭނުންވާ ގިނަ ޢަދަދެއްގެ ޒުވާނުން ތިބިކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ޖޮބް ސެންޓަރގެ އެހީގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަން ކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި ވަޒީފާ ނެތް މީހުންނަށް ނުވަތަ ވަޒީފާ ހޯދާ މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން ޤައުމީ ޖޮބް ސެންޓަރެއް އެންމެ ފުރަތަމަ މާލޭގައި ހުޅުވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ރައީސް ވިދާޅުވީ ޖޮބް ސެންޓަރ ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި ޖޮބް ސެންޓަރުގެ ޑެސްކެއް ޤާއިމްކުރެވިގެންދާނެކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަޒީފާ ހުރެ ވަޒީފާ ނުލިބޭ މައްސަލަ ހައްލުކުރުމަށް ވަޒީފާތަކަށް މީހުން ތަމްރީން ކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓިވެޓް ސެންޓަރުތައް ޤާއިމްކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ވަޒީފާތައްހުރެ ވަޒީފާތަކަށް އެކަށީގެންވާ މީހުން ތިބެ އެވަޒީފާތަކަށް ބޭރުމީހުން ގެނައުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެކަމަށެވެ.
"މި މަސައްކަތް ފެށިގެންދާއިރުގައި، އަޅުގަނޑު މި ދެންނެވިހެން ވަޒީފާއަކަށް އެދި ރަޖިސްޓްރީކޮށް، ވަޒީފާ ބޭނުންވެފައި، ކަމަށް އެކަށީގެންވާ މީހަކު ހުރެއްޖެ ކަމަށްވަންޏާ، އެ މީހަކަށް ވަޒީފާ ނުދީ ބޭރު މީހަކު ގެނައުމުގެ ފުރުޞަތެއް، އެމް.އީ.ޑީ އަކުންނެއް، އެ ފުރުޞަތެއް ނުދޭނެ. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މިހާތަނަށް އާދެވުނުއިރުގައި، ކުރިންވެސް ދެންނެވި ފަދައިން، ބޭރު މީހުން ރާއްޖެއަށް ގެނައުން މަދުކުރުމަށްޓަކައި މިކުރާ މަސައްކަތުގައި، ކުރިއަށް ފިޔަވަޅުތަކެއް އެޅިފައި އެބަހުރި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން މީހުން ގެންނަ މައްސަލައަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ, 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ބިދޭސީން ރާއްޖެ ގެނައުމަށް 56000 ފަރާތަކަށް ވޯކްޕާމިޓް ދޫކޮށްފައިވާކަމަށެވެ. އަދި އެއަހަރު ނިމުނުއިރު 51000 ބިދޭސީން ވަޒީފާތަކަށް ރާއްޖެ އެތެރެވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ހިނގަމުން އަންނަ 2021 ވަނަ އަހަރުގެ ފުރަތަމަ 7 މަސް ދުވަސް ނިމުނުއިރު މިސަރުކާރުޔން ވޯކްޕާމިޓަށް ހުއްދަދިނީ 8900 މީހުންނަށްކަމަށާއި, އެ މުއްދަތުގައި ރާއްޖެ އެތެރެވީ 6900 މީހުންކަމަށް ރައީސް ވިދާޅުވިއެވެ.
"ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަކީ، ކޮންމެހެން މިއަދު ކުރަން ޖެހިފައި އޮތް ކަމެއް. އެގޮތުން، އަޅުގަނޑުމެން އޭގެ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް އެބަ ގެންދަން. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މި އަހަރުގެ ތެރޭގައި ފަށައިގެން އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. އެގޮތުން، ސަރުކާރުގެ ކުންފުނިތަކުން މިހާތަނަށް 213 ފަރާތަކަށް ފުރުޞަތު ހޯދައިދީފައި ވާނީ. އަދި އަމިއްލަ ކުންފުނިތަކުގެ ތެރެއިން 38 ފުރުޞަތެއް މިހާރުވަނީ މިހާތަނަށް ހޯދައިދެވިފައި. މިކަމަށް އެދި 555 ފަރާތެއް، އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ އަދި އެބައޮތް ކުރިމަތިލާފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މިހެން ވަޒީފާ ބޭނުންވެފައި ތިބި، މަސައްކަތް ބޭނުންވެފައި ތިބި ފަރާތްތަކަށް، ކުރިއަށް އޮތް ތަނުގައި އެކަން ކޮށްދޭނަން."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ވަޒީފާ ނެތް ދާއިރާތަކަށް ޚާއްޞަކޮށްގެން 2400 މީހުން ތަމްރީންކުރުމަށް އަމާޒުކޮށްފައިވާކަމަށާއި, މިއަހަރު 600 ފަރާތެއް ތަމްރީންކުރުމަށް ކޮލެޖުތަކާއި ސްކޫލްތަކާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޕޮކެޓް މަނީގެ ގޮތުގައި 2000ގެ އެލަވެންސެއް ދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރަށް އަމާޒުކޮށްގެން 2400 މީހުން، ތަމްރީން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށާއި، މިހާތަނަށް މި އަހަރުގެ ތެރޭގައި 600 ފަރާތެއް ތަމްރީން ކުރެއްވުމަށްޓަކައި އަމިއްލަ ކޮލެޖުތަކާއި ސްކޫލްތަކާއި ހަވާލުކުރެވިފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރު، އެއިން ކޮންމެ ކުއްޖަކަށް ޕޮކެޓްމަނީގެ ގޮތުގައި 2500 ރުފިޔާވެސް ދެމުންގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ, ރާއްޖޭގައި ވަޒީފާ އެބަހުރިކަމަށާއި, ވަޒީފާ ނެތް ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑުކަމަށެވެ. އެގޮތުން މި ސެންޓަރ މެދުވެރިކޮށް ވަޒީފާ ބޭނުންވާ ފަރާތްތައް ދެނެގަނެ ވަޒީފާ އޮތްކަން އަންގައިދިނުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ, ވަޒީފާ ބޭނުންވެފައިތިބި މީހުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީން ޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުގެ ވިސްނުންހުރިކަމަށެވެ.
ރ.އަލިފުށީގައި ޖޮބް ސެންޓަރެއް ހުޅުވާފައިވާއިރު, އެސެންޓަރަކީ ދިވެހިންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އެއްތަނަކުން ގެނެސްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ހިންގާ ޕޯޓަލްއެކެވެ.