ޚަބަރު

"މަސްވެރިކަމާއި ދަނޑުވެރިކަމުގެ މިސްރާބުހުރީ ބޮޑު ބަދަލަކާ ދިމާއަށް"


މިސަރުކާރުގެ މިދައުރުގެ ބާކީއޮތް މުއްދަތުގެ ތެރޭގައި ރާއްޖޭގެ ދަނޑުވެރިކަމަށް އެކަށީގެންވާ ބޮޑު ބަދަލެއް ގެންނަވާނެކަމަށާ، އަދި ބޭރުގެ މާކެޓަށް ރާއްޖޭގެ މަހުގެ ބާވަތްތައް ވިއްކާ އަގުތަކަށް ވަރަށްއަވަހަށް ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ, ށ.ފޯކައިދޫ މަސްވެރިންނާއި ދަނޑުވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި, ފޯކައިދޫއަކީ ދަނޑވެރި ރަށެއްކަން ފާހަގަކުރައްވައި އެރަށާއި އެއަތޮޅުގައި އަދި ޖުމްލަކޮށް މުޅި ރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތަށް ސަރުކާރުން ޚާއްޞަ ސަމަލުކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަމަކީ ވަރަށް ރަނގަޅަށް ތަރައްޤީކޮށް ކުރިއެރުވޭނެ ސިނާއަތެއްކަމަށެވެ. މިހާރު ރިސޯޓްތަކަށް ބޭނުންވާ މޭވާއާއި ތަރުކާރީ ގެންނަނީ ބޭރުންކަމަށް ވީނަމަވެސް ރާއްޖޭގައި މިހާރު ކުދި ތަންކޮޅުތަކުގައިވެސް ދަނޑުވެރިކަން ކުރެވޭނެ މަގު ފަހިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މިދައުރުގެ ބާކީއޮތް މުއްދަތުގެ ތެރޭގައި ދަނޑުވެރިކަމަށް އެކަށީގެންވާ ބޮޑުބަދަލެއް ގެންނަވާނެކަމަށާ, އެއަމާޒަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

"ފްރެޝްކޮށް ހުއްޓާ މާކެޓްކުރުމަށް ދަތި. މިހާރު ސަރުކާރުން އެތަކެތި ގަނެ، އެގްރޯ މެދުވެރިކޮށް ދަނީ މާކެޓްކުރަމުން. އެގްރޯނެޓްގައި މިރަށަށާއި, މިއަތޮޅުގެ އެހެން ރަށްރަށުންވެސް އެބައޮތް އެގްރޯ ޕްރޮގްރާމްގައިބައިވެރިވެފައި. އަޅުގަނޑުމެން މިދާއިރާއިން އިންވެސްޓްކުރުމަށް ބޭނުންވާ ފައިސާ ދިގުމުއްދަތަކަށް ދައްކާގޮތަށް ސޮފްޓް ލޯން ހަމަޖައްސައިދޭނަން." ރައީސް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދެއްކި ދަނޑުވެރިޔއަކުވެސް ވަނީ ރައީސްގެ ތަސައްވުރާއެކު ދަނޑުވެރިން އުފައްދާ ތަކެއްޗަށް ރަނގަޅު މާކެޓެއް ލިބިނޭކަމުގެ އުއްމީދު އައުވެއްޖެކަމަށް ބުނެފައެވެ.

"އަސްލުވެސް ވަރަށް އުއްމީދު އާވެއްޖެ. ރައީސް އެ ވިދާޅުވާގޮތަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އަޅުގަޑުމެން ހައްދާ އެތިކޮޅު އަވަހަށް މާކެޓާ ހަމައަށް ގެންދެވޭނެ. ރައީސް އެ ވިދާޅުވާ ގޮތުންނަމަ ވަރަށްއަވަހަށް މިކަންވާނެ. އަވަރަށް އުއްމީދުގައި މިތިބީ" ދަނޑުވެރިޔަކު ބުންޏެވެ.

މަސްވެރިކަމާ ގުޅޭގޮތުން މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ބޮޑު ކަންނެލި ގަނެ ބޭރަށް މާކެޓްކުރުމުގައި މަސައްކަތްކުރަނީ އަމިއްލަ ކުންފުނިތަކުންކަން ފާހަގަކުރައްވައި ސަރުކާރުން އަމިއްލަ ފަރާތްތަކުގެ އެވިޔަފާރީގެ ތެރެއަށް ނުވަނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ބޭރަށް މަސް ބޭރުކުރާ އަމިއްލަ ފަރާތްތަކާއި ވާހަކަ ދައްކައިގެން އަގަށް ބަދަލު ގެނައުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މަސްވެރިކަންވެސް ބޮޑު ކަންނެލީގެ އަގުގަ ބައެއް މައްސަލަތައް އެބަ އާދޭ. އެ ގަނެ ބޭރުކުރަނީ ޕްރައިވެޓް ސެކްޓަރއިން. އެމީހުންގެ އެ މަސައްކަތުގެ ދޫކޮށް ސަރުކާރުން ނުވަދެ ތިބީ ޕްރައިވެޓް ސެކްޓަރ ތަރައްޤިކުރުމަށް. ނަމަވެސް ބޭރުގައި އަގު ހުރިގޮތަށްބަލާއިރު, އެއީ އެންމެ އެކަށީގެންވާ އަގެއްނޫން. އެހެންކަމުން ޕްރައިވެޓް ސެކްޓަރާއި ވާހަކަ ދައްކައިގެން އަގަށް ބަދަލު ގެނައުމަށް މަސައްކަތްކުރަމުން މި އަންނަނީ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ފޯކައިދޫގައި އައިސްޕްލާނެއްޓެއް އެޅުމަށް މަސްވެރިން އެދޭގޮތަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ފޯކައިދޫ މަސްވެރިޔަކު ވަނީ ށ.ކީކިމިންޔަށް މަސްކިރުވޭގޮތް އަވަސް މުސްތަގުބަލެއްގައި ހަމަޖެހުމަކީ މިހާރު އޮތް ދަތިކަމަށް އަވަސް ހައްލެއް ލިބޭނެކަމެއްކަމަށް ބުނެފައެވެ.

"ކީކިމިންޔަށް މަސްކިރުވި އަދި ރައީސް އެ ވިދާޅުވާގޮތަށް މިރަށުގައި އިސްޕްލާންޓެއް ޤާއިމްވެގެން ދިއުން އުއްމީދަކީ. އެކަން ވާނެ މިސަރުކާރުގައި." މަސްވެރިޔަކު ބުންޏެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ, މިފްކޯއަށް އޮތް ބުރަ ކުޑަކުރުމަށް ފެލިވަރާއި ކޫއްޑޫ ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ށ.ކީކިމިނި މަސްކިރުވޭ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ދަށުން މަސްކިރުވޭ ހިސާބަށް މިހާރު ގޮސްފައިވާކަމަށާއި, މާ ލަސްތަކެއްނުވެ އެކަންވެސް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. މިފްކޯގެ މަސް ފިނިކޮށް އެކސްޕޯޓްކުރެވޭ ބޯޓާއި, މަސްކިރުވާ ރަށްތަކުގައި ސަރުކާރުން ކުރަމުން އަންނަނަ އިންވެސްޓާއެކު ސަރުކާރުން މިދާއިރާއިން ގެންނަ ހައްލަކީ ދާއިމީ ހައްލަކަށްވެ މަސްވެރިންނަށް ހަމަ އަގު ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.