މިއަދުން ފެށިގެން ކުނިނެގުމަށް ވެމްކޯގައި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ ޢިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށް ވެމްކޯއިން ވިދާޅުވެއްޖެއެވެ. މިއާއެކު ބޮޑުތި ބަދަލުތައް ކުނި ނެގުމުގެ ޚިދުމަތަށް މިއަންނަ ހަފްތާގެ ތެރޭގައި އަންނާނެ ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
ކޯވިޑާއެކު ކުނި ނެގުމަށް ގެނެވުނު ބަދަލުތަކަށްފަހު މިހާރު ޙާލަތު ބަދަލުވެ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ލިބުމާ ގުޅިގެން ވެމްކޯގެ ޚިދުމަތްތަކަށްވެސް ބޮޑެތި ބަދަލުތައް ގެނައުމަށް ވެމްކޯއިންވަނީ ނިންމާފައެވެ. މީގެ އިތުރުން ވެމްކޯގެ ކުނި އުކާ ސައިޓުގައި ބޮޑު ދެމަޝްރޫއު ކަމަށްވާ ތިލަފުށީ ބްރިޖްގެ މަސައްކަތާއި ތިލަފުށީ ވެމްކޯ ސައިޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް އެސަރަޙައްދު ހުސްކުރަން ޖެހިފައިވާތީއާއެކުވެސް ބައެއް ބަދަލުގެނައުމަށް ވެމްކޯއިންވަނީ ނިންމާފައެވެ.
އެގޮތުން އަންނަ އެންމެ ބޮޑު ބަދަލަކީ ކުނި އުކުމަށް އެޢިމާރާތެއްގައި ދިރިއުޅޭ ފަރާތްތަކުގެ ގޭބިސީތަކުން ވަކިވަކިން ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި ޢިމާރާތުގެ ވެރިފަރާތާއެކު އެއްބަސްވުމެއް ޤާއިމުކުރެވި ކުނި ނެގުމަށް ޢިމާރާތުގެ ވެރިފަރާތުން ވެމްކޯގައި ރަޖިސްޓްރީވުމަށް ވެމްކޯއިންވަނީ ހުޅުވާލާފައެވެ.
ކުނި ނެގުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަޢުލޫމާތު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ މިގޮތަށް ހަމަޖައްސަން ޖެހުނު މައިގަނޑު ސަބަބަކީ ވެމްކޯގައި ކުނިނެގުމުގެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމުގައި ރިކޯޑުތައް ބެލެހެއްޓުމަށް ދަތިތަކެއް ކުރިމަތިވަމުންދާތީ އެމައްސަލަ ޙައްލުކުރުމަށްކަމަށެވެ. އަދި މިޚިދުމަތް ހަރުދަނާކުރުމަށް ކުނީގެ ތަފާސް ހިސާބު ބެލެހެއްޓުމަކީ މުހިއްމު ކަމެއްގެ ކަމަށް އާދަމް މުޙައްމަދު ވިދާޅުވިއެވެ.
"ކުނި ނެގުމަށް ސަބް ސްކްރައިބް އުސޫލުން ކުރިއަށްގެންދިޔައިރު މާލެއާއި ހުޅުމާލެއިން ރަޖިސްޓަރވެފައިވަނީ 18 ހާސް ގޭބިސީ. އެކަމަކު އަޅުގަނޑުމެން ކޮންމެ ދުވަހަކު ނަގަމުންދާ ކުނީގެ ޓަނަށް ބަލާއިރު މިއީ ހަގީގީ މަންޒަރެއް ނޫން. އެހެންކަމުން އަޅުގަނޑުމެން ދާނެ މިއެދޭ ޒަމާނީ ކުނި ނެގުމުގެ ނިޒާމު ޤާއިމުކުރުމަށް މީހުންވެސް ހޭލުންތެރިވާން އެބަޖެހޭ. މިޑިސިޕްލިން ހިފެހެއްޓެން އެބަޖެހޭ. ކުނި ނެގޭ ގޮތުގެ ރެކޯޑު ބެލެހެއްޓެން ޖެހޭ."ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވިއެވެ.
ކުނި ނެގުމަށް އަންނަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ބަދަލު އަންނައިރު އެންމެ ބޮޑު ބަދަލެއް ދެން އަންނާނީ ކުނި ނަގާ ގަޑިއަށެވެ. ކުނި ނަގާނެ ގަޑިތަކެއްގެ ގޮތުގައި ވެމްކޯއިން ހަމަޖައްސާފައިވަނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 6 ކުން ފެށިގެން ރޭގަނޑުގެ 11 ޖެހުމާހަމައަށެވެ. ވެމްކޯއިން ވިދާޅުވީ މިގޮތަށް ނިންމީ ސިޓީ ކައުންސިލާވެސް މަޝްވަރާކުރެވުމަށްފަހުކަމަށެވެ. އެގަޑި ހަމަޖެއްސުމުގެ އެންމެ ބޮޑު މަޤްސަދަކީ މަގުމަތީގައި ކުނި ގެންގުޅޭ ގަޑިއަކީ ސްކޫލް ކުދިންނާއި އޮފީސްތަކަށް މީހުންދާ ވަގުތު ނޫން ގަޑިއަކަށް ހެދުން ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
އަންނަ ހަފްތާގައި ކޮންމެ ގޭބިސީއެއްގެ ކޮންމެ ފަންގިފިލާއަކުން ކުނި ނެގުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު އެއީ ގިނަ އިރު ހޭދަވާކަމެއްގެ ގޮތުގައި ވެމްކޯއިން ފާހަގަކުރައްވައެވެ. އެހެންކަމުން ވެމްކޯގެ މުވައްޒަފުންނަށް ފަސޭހައިން ގޭބިސީތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެމްކޯއިން އިލްތިމާސްކުރައްވައެވެ.
ހަމައެއާއެކު ރައްކާތެރިކަމާއެކު ކުނި ބަންދުކުރުމަށްވެސް ވެމްކޯއިން އިލްތިމާސްކުރައްވައެވެ. މީގެ އިތުރުން ކުނި އުކުމަށް މީގެފަހުން ވެމްކޯގެ ކުނި އުކާ ސައިޓުތަކަށް ސައިކަލުތަކުގައި ނުވަދެވޭނެކަމަށްވެސް ވެމްކޯއިން ވިދާޅުވެއެވެ. އެސައިޓު ތަރައްޤީގެ ބޮޑު މަޝްރޫޢަކަށް ބަންދުކުރުމަށް ނިންމާފައިވަތީ ކުނި އުކުމަށް ފީ ދެއްކުމަކާ ނުލާ އަންނަ ފަރާތްތަކަށް މީގެ ފަހުން ނުވަދެވޭނެ ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
ކުނި ނެގުމުގެ ޚިދުމަތް ދިނުމަށް ކޮންމެ ދުވަހެއްގައިވެސް ވެމްކޯގެ ޑްރައިވަރުންނާއި ލޮޖިސްޓިކްސްއާއި ސުޕަވައިޒަރުންނާއި ކުނި ނެގުމަށް ޙަރަކާތްތެރިވާ ފަރާތްތަކާއި މަގުމަތީ ކުނި ކަހާ ފަރާތްތަކުގެ ގޮތުގައި ކޮންމެ ދުވަހަކުވެސް 400އާއި 500 އާއި ދެމެދުގެ ޢަދަދަކަށް މުވައްޒަފުން ޙަރަކާތްތެރިވަމުން އަންނަކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި މިމަސައްކަތުގައި ބޮޑު 210 ޑަސްބިނާއި 30 ވެހިކަލް މިހާރު ބޭނުން ކުރަމުން އަންނަކަމަށް ވެމްކޯއިން ވިދާޅުވެއެވެ.