ވިޔަފާރި

ދައުލަތުގެ ޢާމްދަނީ 11.2 ބިލިއަނުގައި، މިއީ މިދިޔަ އަހަރަށްވުރެ އިތުރު ޢަދަދެއް!


މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ދައުލަތުގެ ޢާމްދަނީ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކުރައްވާފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ޢާމްދަނީގެ ގޮތުގައި ލިބިފައިވަނީ 11.2 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު ޢަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.5 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ދައުލަތުގެ އާމްދަނީ އިތުރުވެފައިވަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ޢާމްދަނީ އިތުރުވުމެވެ. މިދިޔަ އަހަރު ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަން ހީނަރުވެ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު ޢާމްދަނީ ވަނީ ދަށްވެފައެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން މިހާރު ރަނގަޅުވަމުން އަންނާތީ ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ.

ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޢާމްދަނީގެ %74 ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ޢާމްދަނީއެވެ. އެއީ 8.3 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 7.4 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޙަރަދުތައް އުޅެނީ 18.1 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު ޚަރަދުތައް އުޅުނީ 18.3 ބިލިއަން ރުފިޔާގައެވެ. މިއަހަރު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އެއީ %78އެވެ. ޢަދަދުން ބަލާނަމަ މިއީ 14.1 ބިލިއަން ރުފިޔާއެވެ. އެންމެ ބޮޑުބައެއް ހޭދަކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށެވެ. ޚަރަދުތަކުގެ %22 ހޭދަކޮށްފައިވަނީ ކެޕިޓަލް ޚަރަދުތަކަށެވެ. އެއީ 3.9 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.