އެއަރ އަސްތާނާއިން އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އަލުން ދަތުރު ފެށުމަށް ނިންމައިފިއެވެ.
ކަޒަކިސްތާންގެ ޤައުމީ އެއަރލައިން، އެއަރ އަސްތާނާއިން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައިވެސް ވަނީ ރާއްޖެއަށް ދަތުރުތައް ބާއްވާފައެވެ. މިއީ އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ބޭއްވި ފުރަތަމަ ފަހަރެވެ. އެއިރު އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވާފައިވަނީ ފިނި މޫސުމާއި ދިމާކޮށް ހަފްތާއަކު 3 ޗާޓަރ ފްލައިޓެވެ.
އެއަރ އަސްތާނާއިން އަނެއްކާވެސް އަންނަމަހު ރާއްޖެއަށް ދަތުރުތައް ބާއްވާނެކަން މިހާރު ވަނީ އިއުލާންކޮށްފައެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ މިއަހަރުގެ ތެރޭގައި އެއަރ އަސްތާނާއާއި ގުޅިގެން ކެމްޕެއިނެއްވެސް ކުރިއަށްގެންގޮސްފައެވެ. މި ކެމްޕެއިންގެ މަގުސަދަކީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަޒަކިސްތާންގައި އިޝްތިހާރުކޮށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުންކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
މި ކެމްޕެއިންގެ ތެރެއިން ދިވެހި ރާއްޖެއަށް ކަޒަކިސްތާންގެ ޓްރެވެލް އެޖެންޓުން ވަނީ ޒިޔާރަތްވެސްކޮށްފައެވެ. ވިޒިޓް މޯލްޑިވްސްއިން ކަޒަކިސްތާނުގައި ރާއްޖެ އިޝްތިހާރުކުރުމަށް ހިންގި ހަރަކާތްތަކާއިއެކު އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށްވެސް އިތުރުވެފައެވެ. އެގޮތުން ކަޒަކިސްތާން ހިމެނެނީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.