ޚަބަރު

މިއަދު ކޯވިޑް ޖެހުނު މީހުންގެ ޢަދަދު 200އާ ގާތަށް


ރާއްޖެއިން އިތުރު 189 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖެއިން އަލަށް ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދާއެކު، ރާއްޖެއިން މިހާތަނަށް މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 81،301އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝް އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރ ދުވަހުގެ އިރުއޮއްސި 6:00އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 182 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 35 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 119 މީހުންނާއި ރިސޯޓްތަކުން 35 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 81،301އަށް އަރާފައެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1794 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 24 މީހުންނަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 125 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 79،268އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5768 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 226 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 207 ދިވެހިންނާއި 19 ބިދޭސީންނެވެ.