ޚަބަރު

އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށް މިނިސްޓަރ ޝާހިދު ނިއުޔޯކަށް ވަޑައިގެންފި


އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތާއި ހަވަލުވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.

އދ.ގެ ޢާންމު މަޖިލިސް ހުންނަ ނިއުޔޯކަށް ވަޑައިގެން، ކެބިނެޓްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ ޢާންމު މަޖިލީހުގެ 76 ވަނަ ޢާންމު މަޖިލިސް އަންނަ މަހުގެ 14ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެހެންކަމުން ޢާންމު މަޖިލީހުގެ ރިޔާސަތު އަމާންކަމާއެކު ބަދަލުކުރުމަށް މެންބަރު ޤައުމުތަކާއި، އދ.ގެ ސެކްރެޓޭރިއަޓާއި، ކަމާގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ އިންތިޚާބީ ރައީސް، ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށް ނިއުޔޯކަށް މިވަޑައިގަތީ ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ.

އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ 35އަށްވުރެ ގިނަ ޤައުމަކުން އދ.ށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިިގެންނެވީ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

އދ.ގެ ޢާންމު މަޖިލީހަކީ 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.

އަދި މި މަޖިލީހަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ތަމްސީލުކުރާ ދަރުބާރަކަށް ވުމާއެކު، މިއީ ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު ބަހުސްކުރެވޭ، އަދި އެވަގުތެއްގެ ދުނިޔޭގެ ސިޔާސީ، އިޤްތިސާދީ އަދި އިޖުތިމާއީ ހާލަތު ވަރަށްވެސް ރަނގަޅަށް ތަމްސީލުކޮށްދޭ މަޖިލީހެކެވެ. އާންމު މަޖިލީހުން، އދ.ގައި އަދާކުރާ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ލަފާގެމަތިން، ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އައްޔަން ކުރުމާއި، ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ނޫން މެމްބަރުން އައްޔަން ކުރުމާއި، ޔޫއެންގެ ބަޖެޓު ފާސްކުރުން ހިމެނއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު، ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމަށްފަހު، ޢާންމު މަޖިލީހުގެ އިންތިޚާބީ ރައީސެއްގެ ހައިސިއްތުން މިނިސްޓަރ ޝާހިދު ވަނީ ދުނިޔޭގެ ބައެއް ގައުމުތަކަށް ދަތުރު ކުރައްވާފައެވެ.

މިދަތުރުފުޅުތަކުގައި، ޔޫއެންގެ ރިޔާސަތުގައި ކުރައްވާނެ މުހިންމު މަސައްކަތްތަކުގެ އިތުރުން ޝާހިދުވަނީ، މިގައުމުތަކާ ރާއްޖެއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރުމުގެ އިތުރުން، މި ގައުމުތަކުން ރާއްޖެއަަށް ބޭނުންވާ އިތުރު އެހީތައް ހޯދުމަށްވެސް ގައުމުތަކާ އެކީ މަޝްވަރާ ކުރައްވާފައެވެ.