ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓެކްސީތަކުގައި ދަތުރުނުކުރެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރާ ގުޅޭ ޢާންމު ޚިދުމަތްދޭ ފަރާތްތަކުން، ކޯވިޑުގެ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތްތަކަށް ޚިދުމަތްދިނުމާ ގުޅޭ އުސޫލެއް އެކުލަވާލާފައެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުޠުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާމެދު، ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއްގަމާއި ކަނޑުދަތުރު ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި، އަދި ޑޮމެސްޓިކް ވައިގެދަތުރު ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންވެސް އެޗް.ޕީ.އޭގެ ގައިޑްލައިންގައި ޝަރުޠު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ޚިދުމަތް ނުދިނުމަށް އަންގާފައެވެ. އަދި ރައްޔިތުންނާ ގާތުން ދޭންޖެހޭ ޓެކްސީގެ ޚިދުމަތްތައް ދޭފަރާތްތަކުންވެސް ޚިދުމަތް ދޭންވާނީ ކަސްޓަމަރަކީ ވެކްސިން ޖަހާފައިވާ މީހެއްކަން ކަށަވަރު ކުރުމަށްފަހުގައިކަމަށް ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިގޮތައް އަމަލުކުރަން ނިންމީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމުގެ ގޮތުންކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތަށް ނިންމާފައި މިވަނީ ވެކްސިން ނުޖަހާ މީހުންނަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބައެއް ޚިދުމަތްތައް ހޯދުމަށް ޝަރުތުތަކެއް ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވަނިކޮށެވެ. ސަރުކާރުގެ އަމާޒަކީ އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %90 މީހުންނަށް ވެކްސިންގެ 2 ޑޯޒް ޖެހުމެވެ.
ރާއްޖޭގައި މިހާރު ވަނީ ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ފައިޒަރ ވެކްސިންވެސް ޖަހަން ފަށާފައެވެ. ރާއްޖޭގައި މިހާތަނަށް 301،189 މީހުން ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 381،902 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.