ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިޚާބު އަންނަ ހަފްތާގެ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރޭ އޮންލައިންކޮށް ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރީ އޮންލައިންކޮށް ވޯޓަށް އަހައި އެ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމަށެވެ. ނަމަވެސް ޖަލްސާގައި ވަނީ މި ވޯޓު ނެގުމާއިމެދު ބައެއް މެމްބަރުން ހުށަހެޅުން ތަކެއް ހުށަހަޅާފައެވެ. އެގޮތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އާއި، އައްޑޫ ދާއިރާގެ ރައީސް އަދުހަމް ވަނީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ކަނޑައެޅުމުގެ ޖަލްސާއަށް މެމްބަރުން ހާޒިރުވާ ގޮތަށް ބޭއްވުމަށާއި ސިއްރު ވޯޓަކުން މެމްބަރުން އިންތިޚާބު ކުރުމަށް ހުށަހަޅުއްވާފައެވެ.
ވޯޓްލާ މަރުކަޒަށް ހާޒިރުވެ އިންތިޚާބު ކުރިއަށް ގެންދިއުމަށް ހުށައެޅި ހުށައެޅުމަށް 100 މެންބަރުން ވޯޓްދީފައިވެއެވެ. ނުފެންނަ ކަމަށް ވޯޓް ދިނީ 15 މެންބަރުންނެވެ. އިންތިޚާބުގެ ވޯޓް ސިއްރުން ކުރިއަށް ގެންދިއުމަށް 98 މެންބަރުން ތާއީދުކޮށް ވޯޓްދީފައިވެއެވެ. ސިއްރުކުރަން ނުފެންނަ ކަމަށް 19 މެންބަރުން ވަނީ ވޯޓްދީފައެވެ. އެ ވޯޓްގައި ބައިވެރިވީ 118 މެންބަރުންނެވެ.
ގައުމީ މަޖިލީހުން އެ ގޮތަށް ފާސް ކުރުމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ސިއްރު ވޯޓު ބޭއްވުމަށް މެމްބަރުން ހާޒިރުވާ ޖަލްސާއެއް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަވާނެ ކަމަށެވެ.
އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ޒިންމާއަކީ އެއްވެސް ކަމަކާ މެދު މެމްބަރަކު ޝަކުވާއެއް އޮވެގެން އިސްތިއުނާފަށް ހުށަހަޅައިފިނަމަ އެކަމެއް ބަލައި ނިންމުމެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ފަސް އަހަރުގެ ދައުރަކަށް ހޮވާ އެ މަޖިލިސް އެކުލެވިގެންވާނީ ރައީސް އާއި އަށް މެމްބަރުންގެ މައްޗަށެވެ.
އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ދައުރުވެސް މިހާރު ހަމަވެފައިވާއިރު، ބައެއް ކޮމިޓީތަކުގެ މެމްބަރުންގެ ދައުރުވެސް ވަނީ ހަމަވެފައެވެ. ކޯވިޑް-19 އާއި ގުޅިގެން ޤައުމީ މަޖިލިސް އިންތިޚާބު ވަނީ 2 ފަހަރެއްގެ މަތީން ފަސްކޮށްފައެވެ. މި އިންތިޚާބު އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.