އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު ސައުލް ނިގޭޒަށް ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ޕްރޮޕޯސަލެއް ހުށަހަޅައިފިއެވެ.
އެތުލެޓިކޯ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސައުލް އެ ޓީމު ދޫކޮށްދާނެ ކަމަށް ބަލައި ވަނީ އިޓަލީގެ އުދިނޭޒީ އަށް ކުޅޭ އާޖެންޓީނާ ގައުމީ ޓީމުގެ ރޮޑްރީގޯ ޑެ ޕޯލް ގެނެސްފައެވެ. ލަލީގާގެ އާ ސީޒަނުގައި އެތުލެޓިކޯ އިން ކުޅުނު ދެ މެޗުގައި ސައުލް ބޭނުންކޮށްފައިވަނީ އާންމުކޮށް އޭނާ ކުޅޭ މަގާމުގައެއް ނޫނެވެ. އެހެންވެ، ސައުލް ޓީމު ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ އަންގާރަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ޔުނައިޓެޑާއި ޗެލްސީން ބޭނުންވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ސައުލްގެ ސޮއި ހޯދާށެވެ. އެތުލެޓިކޯ އިން ސައުލް ވިއްކާލަން ކިޔާ އަގު މިހާރު އުޅެނީ 60 މިލިއަން ޑޮލަރުގައެވެ.
ޔުނައިޓެޑާއި ޗެލްސީން ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އެ ޓީމަށް ކުޅޭ ބައެއް ކުޅުންތެރިން ވިއްކާލުމަށް ފަހު ކުރިއަށް އޮތް ދުވަސްތަކުގައި ސައުލް ހޯދަން ކުރާ މަސައްކަތް ވަރުގަދަ ކުރާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފައެވެ. ސައުލް އެތުލެޓިކޯ ދޫކޮށްލަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ސްޕެއިން ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަން ބޭނުންވާތީއެވެ. އެތުލެޓިކޯއިން މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މޮޅު ކުޅުމެއް ދެއްކި ސައުލް އަށް ޔޫރޯގައި ވާދަކުރި ސްޕެއިން ސްކޮޑުން ފުރުސަތު ނުލިބެއެވެ.