ޚަބަރު

މަންގަލަ ސަމަރަވީރާ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ


ސްރީލަންކާގެ ކުރީގެ ފޮރިން މިނިސްޓަރ މަންގަލަ ސަމަރަވީރާ އަަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން 65 އަހަރުގައި މަންގަލަ ސަމަރަވީރާ މިއަދު އަވަހާރަވީ ކޯވިޑް ބަލީގައި ހާލު ސީރިއަސްވެ ފަރުވާ ހޯދަވަމުން ގެންދަވަނިކޮށެވެ.

މިކާމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަންގަލަ ސަމަރަވީރާ އަވަހާރވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައިމަށެވެ.

ރައީސް ވިދާޅުވީ މަންގަލަ ސަމަރަވީރާއަކީ ސްރީލަންކާއަށް ގިނަގުނަ ޚިދުމަތްތަކެއްކުރެއްވި ބޭފުޅެއްކަމަށާއި، ރާއްޖެއާ ސްރީލަންކާގެ ރަހުމަތްތެރި ގުޅުން ކުރިއެރުވުމުގައިވެސް މަންގަލަ ސަމަރަވީރާ މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވިކަމަށެވެ.



ސަމަރަވީރާވަނީ 2005 އިން 2007 އަދި 2015 އިން 2017 އަށް ދެފަހަރެއްގެ މަތިން ލަންކާގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރުކަމުގައި ހުންނަވައިގެން މަންގަލަ ސަމަރަވީރާ ރާއްޖެއަށް އެންމެފަހުން ދަތުރުފުޅެއްކުރައްވާފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ.