ތުރުކީއާއި ރަޝިއާ މާކެޓަށް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރެވޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް މަސްވެރިންނާއެކު ވަރަށް ގާތުން އެ މިނިސްޓްރީން ބަލަމުންދާކަމަށެވެ. އެގޮތުން މި ސިނާއަތައް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބޭ މައްސަލަ ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަސް ޑިއުޓީއަކާއިނުލައި އެކްސްޕޯޓް ކުރެވޭނެ މަގު ފަހިވޭތޯ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ. އަދި އިނގިރޭސިވިލާތް ފިޔަވައި އެހެން މާކެޓްތަކަށް މަސް އެކްސްޕޯޓް ކުރެވޭނެ ގޮތްތައްވެސް ބަލަމުން އަންނަކަމަށެވެ. އެގޮތުން ތުރުކީއާއި ރަޝިއާ ފަދަ މާކެޓްތަކަށް މަސް އެކްސްޕޯޓްކުރެވޭނެ ގޮތްތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މަސްވެރިންނަށް އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވެފައިވާ ކަމަކީ އެމީހުން ބާނާ މަސް ވިއްކާއިރުގައި އެއަށް އެމީހުންނަށް ހަމަ އަގު ނުލިބޭ ކަމަށް ބުނާ މައްސަލަ. އެ މައްސަލައަށް ހައްލު ލިބޭނީ އަޅުގަނޑުމެން އެކްސްޕޯޓްކުރާ މަހަށް ޚާއްސަކޮށް ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް މިހާރު ދައްކަންޖެހޭ ޑިއުޓީއާއި ނުލާ އެކްސްޕޯޓް ކުރެވޭނެގޮތެއް ވެގެން. ފުރަތަމަ އަޅުގަނޑުމެން މިބަލަނީ ޔޫރަޕް ފިޔަވައި ތުރުކީއާއި ރަޝިއާ ފަދަ މާކެޓްތަކަށް މަސް އެކްސްޕޯޓްކުރެވޭނެގޮތްތައް ހޯދޭތޯ. ޔޫކޭއަށް ޑިއުޓީއާއި ނުލާ އެކްސްޕޯޓްކުރެވޭ ގޮތް ހޯދުމަށްޓަކައި އިނގިރޭސިވިލާތުގައި ހުންނަވާ އެމްބެސެޑަރ ވަރަށް ބޮޑަށް އެބަ މަސައްކަތް ކޮށްދެއްވާ. އަޅުގަނޑުމެންވެސް އެކަމަނާއާއިއެކު މިދަނީ މަސައްކަތް ކުރަމުން. ބޭނުންވަނީ އިނގިރޭސި ސަރުކާރާއި ވާހަކަދައްކައިގެން މިކަމަށް ހައްލެއް ހޯދަން." މިނިސްޓަރ ވިދާޅުވިއެވެ.
މަސްވެރިކަން ކުރިއަރުވަން ބަލާއިރު އެންމެ ބޮޑު އިސްކަމެއްދޭންޖެހޭނީ މިކަމަށް ބޭނުންވާ އިންވެސްޓްމަންޓް ގެނެސް މިހާރަށްވުރެ އުފެއްދުންތެރި މަސްވެރިކަމުގެ އުފެއްދުންތަކެއް އުފެއްދުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދޮށީގައި އަދި ނަނުގައި މަސްބޭނުމުގެ އިތުރުން މެރިކަލްޗަރ ކުރުމާއި އެކުއަކަލްޗަރ ކުރުންވެސް އެއީ މަސްވެރިކަން ތަރައްޤީކުރެވިދާނެ ގޮތްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރަނީ ތައިލޭންޑަށެވެ. ޖަރުމަނުވިލާތާއި އިނގިރޭސިވިލާތައްވެސް ރާއްޖެއިން މަސް އެކްސްޕޯޓްކުރެއެވެ.