ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި "ރެގިއުލޭޓަރީ ފްރޭމްވޯކް"އަށް ގެންނަ ބަދަލުތަކުގެ މަޢުލޫމާތު ވިޔަފާރިވެރިންނާއި ޢާންމުންނަށް ދިނުމަށް، އަންނަ ހަފްތާގައި މަޢުލޫމާތު ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮލަރުގެ އަގާ ގުޅޭގޮތުން ޑެޕިޔުޓީ ގަވަރުނަރު އަޙްމަދު ޢިމާދު ވިދާޅުވީ، ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލަ ހައްލުކުރަން ފޮރިން އެކްސްޗޭންޖް މާކެޓްގެ މިހާރުއޮތް ރެގިއުލޭޓްރީ ފްރޭމްވޯކަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިހާރު ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކޮށް ނަގަން ބޭނުންވާ ފިޔަވަޅުތަކަށް ސަރުކާރުގެ ސަޕޯޓް ލިބިފައިވާކަމަށެވެ. މި މަޢުލޫމާތުތައް ބޭރުގެ ފަރާތްތަކާވެސް ޙިއްސާކޮށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެވިފައިވާކަމަށް އިމާދު ވިދާޅުވިއެވެ.
"މިމަސްތެރޭގައި އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭ މަޝްވަރާތަކަކީ ރެގިއުލޭޓަރީ ފްރޭމްވޯކަށް މިގެންނަ ބަދަލާ ގުޅިގެން ރާއްޖޭގެ ބިޒްނަސް ކޮމިއުނިޓީއަށް މިއަންނަ ބަދަލުތައް އަޅުގަނޑުމެން އެބޭފުޅުންނާ ހިއްސާކޮށް އެބޭފުޅުންނާވެސް އެކުގައި މަސްވަރާގެ މަތިން އަޅުގަނޑުމެން މިކަންކަން ކުރިއަށްގެންދާނީ. އެ މަޝްވަރާ ބައްދަލުވުންތައް އަޅުގަނޑުމެން މިހަފްތާގެ ތެރޭގައި އެބަ ކުރިއަށްގެންދަން. ޕަބްލިކާ ހަމައަށް އަޅުގަނޑުމެން މިގެންނަ ޕޮލިސީ ބަދަލުތައް ހިއްސާކުރުމުގައި އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތް. އަޅުގަނޑުމެން މިގެންނަ ބަދަލަކީ މުޅި ބިޒްނަސް ކޮމިއުނިޓީއާއި ޢާންމު ހުރިހައި ފަރުދުންނަށްވެސް އޭގެ ސަބަބުން ބަދަލުތަކެއް އަންނާނެ ކަމަކަށްވާތީ ހުރިހައި ލެވެލެއްގައި އަޅުގަނޑުމެންގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެސަންތައް ކުރިއަށްއޮތް ދުވަސްތަކުގައި ކުރިއަށްގެންދާނަން. " ޑެޕިޔުޓީ ގަވަރުނަރު އަޙްމަދު އިމާދު ވިދާޅުވިއެވެ.
ނަމަވެސް، އޮނިގަނޑަށް ގެނައި ބަދަލުތަކުގެ އެއްވެސް ތަފްސީލެއް މި ބައްދަލުވުމުގައި އޭނާ ނުދެއްވައެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވުމަކީ ދޭތެރެދޭތެރެއިން ކުރިމަތިވާ މައްސަލައެކެވެ. ކޯވިޑާއެކު ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން މިމައްސަލަ ބޮޑުވެގެންވެސް ދިޔައެވެ. ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ އަގަކީ 15.42ރ. ނަމަވެސް، ބޭންކުތައް މެދުވެރިކޮށް ޑޮލަރު ނުލިބޭތީ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު، 19ރ. އަށްވުރެ މައްޗަށްވެސް އެރިއެވެ.