ރާއްޖެއިން އިތުރު 110 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 183 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 79،800އަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 110 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 34 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 73 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 03 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 79،864އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ މާބޮޑަށް އިތުރުނުވެ ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުންނާއި ރިސޯޓުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކުންދައްކައެވެ.
ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1677 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 183 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 77،953 އަށް އަރާފައެވެ.
24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 4966 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.