ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ގއ.ގެމަނަފުށީ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ގާއިމްކޮށްފިއެވެ.
މި ކްލާސްރޫމު ފަރުމާ ކޮށްފައިވަނީ ދަރިވަރުންނަށް ހޮސްޕިޓަރލިޓީ ސިނާޔަތުގެ މަސައްކަތްތައް ދަސްކުރުމުގައި ޢަމަލީ ތަޖުރިބާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. ބީއެމްއެލްގެ ކޮމިއުނިޓީގެ ފަންޑުގެ އެހީއާއެކު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްކޮށްފައިވަނީ ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއިންނެވެ.
މި މަޝްރޫޢުގެ ދަށުން ބީޓެކް ކިޔަވާ ދަރިވަރުންނަށް ޚިދުމަތް ދިނުމުގެ ދާއިރާގެ މަސައްކަތްތައް ޢަމަލީ ގޮތުން ތަޖުރިބާ ކުރުމަށްޓަކައި ކްލާސްރޫމެއް ވަނީ ތަރައްޤީކޮށްފައެވެ. މި ކްލާސްރޫމުގެ އެހީގައި ހޮސްޕިޓަރލިޓީ ދާއިރާގައި މަސައްކަތަށް ނުކުންނަ ދަރިވަރުންނަށް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމާއި، ކެއްކުމުގެ އަސާސީ ހުނަރު ދަސްކުރުންފަދަ ކަންކަމުގެ ޢަމަލީ ތަޖުރިބާ ހޯދޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
މި މަޝްރޫޢު ކާމިޔާބުކުރި ދިވެހި މަސްވެރިންގެ ޖަމްޢިއްޔާގެ ރައީސް އަޙްމަދު ޝާފިޢު ވިދާޅުވީ، މި ދާއިރާގެ މަސައްކަތަށް ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ނަމަވެސް ރިސޯޓު ތަކުންނާއި ގެސްޓްހައުސްތަކުން މި ފުރުސަތު ހޯދުމަކީ ދަތިކަމަކަށްވެފައިވާއިރު، މި ޕްރޮޖެކްޓް ގެ ސަބަބުން މަސައްކަތް ތަޖުރިބާ ކުރުމުގައި ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ ހުނަރު އިތުރުކުރުމާއި އެހީތެރިވެދޭނެކަމަށްވެސް ޝާފިޢު ވިދާޅުވިއެވެ.
"މި ދާއިރާގެ މަސައްކަތައް ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބުމަކީ ވަރަށް މުހިންމުކަމެއް. ނަމަވެސް ރިސޯޓު ތަކުންނާއި ގެސްޓްހައުސްތަކުން މި ފުރުސަތު ހޯދުމަކީ ދަތިކަމެއް. މިހާރު މި ކްލާސްތައް ހިންގަމުންދަނީ މަހަކު އެއްފަހަރު. އަދި ދަރިވަރުން މި މަސައްކަތްތައް ދަސްކުރުމަށް ބޭނުންވާ ތަކެތި ހޯދަނީ އަމިއްލަޔަށްވެސްމެ. އެހެންކަމުން މި ޕްރޮޖެކްޓް ގެ އަމާޒަކަށްވީ ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކުރުމަށް ކްލާސްރޫމެއް ބިނާކޮށް މަސައްކަތް ތަޖުރިބާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ ހުނަރު އިތުރުކުރުމާއި އެހީތެރިވުން." އަހުމަދު ޝާފިއު ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.