ވިޔަފާރި

ޖުލައި މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ޢަދަދު %48 އިތުރު


މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ ޖުލައިމަހާ އަޅައިބަލާއިރު %48 އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއަށް 1.9 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓް ކޮށްފައެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 2.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޖުލައި މަހުގެ އިމްޕޯޓް އިތުރުވެފައިވީނަމަވެސް އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު ޢާމްދަނީ ވަނީ ދަށްވެފައެވެ. 2020ވަނަ އަހަރުގެ ޖުލައި މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 239 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 242 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އެހެންކަމުން މިއީ %17ގެ ދަށްވުމެކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައިމަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ ޢަދަދު ވަނީ %8 އިތުރުވެފައެވެ. 2020ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 203 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މި ޖުލައިމަހު މިއަދަދު އުޅެނީ 219 މިލިއަނުގައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ ސިންގަޕޫރު އަދި އިންޑިއާއެވެ. ޗައިނާ އިން 434 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ސިންގަޕޫރުން 348 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 330 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ %37 އެވެ. ޖަރުމަނުވިލާތައް %16 މުދާ، އިނގިރޭސިވިލާތައް %12 މުދާ އިޓަލީވިލާތައް އަދި ފަރަންސޭސިވިލާތައް %4 މުދާ އެކްސްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކައެވެ.

މިޖުލައިމަހު ރާއްޖެއަށް ޕްރޮސެސްކުރެވުނު ޑިކްލަރޭޝަންއާއި ރާއްޖެއިން ބޭރުން އައިސްފައިވާ އުޅަނދާއި، ރާއްޖޭއިން ފުރާފައިވާ އުޅަނދުފަހަރުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް ޕްރޮސެސްކުރެވުނު ޑިކްލަރޭޝަންގެ އަދަދަކީ 14660 އެވެ. 2020 ވަނަ އަހަރު މިއަދަދު އުޅުނީ 7718 ގައެވެ. ޖުލައިމަހު ރާއްޖެއިން ބޭރުން އައިސްފައިވާ އުޅަނދުގެ އަދަދަކީ 102 އެކެވެ. އަދި ރާއްޖެއިން ފުރާފައިވަނީ 120 އުނޅަދުކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.