މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، ތަޅުމުގައި ބަހުސް ކުރަން އޮތީ ދެބިލެއް ކަމަށާއި، ގިނަ ބިލްތަކުގެ މަސައްކަތުގެ ބޮޑުބައި މިހާރު އޮތީ ކޮމެޓީ މަރުހަލާގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން މަޖިލީހަށް މިދައުރުގައި ހުށަހަޅުއްވާ ބިލްތަކުގެ މައުލޫމާތު މިއަދު ވަނީ މަޖިލީހާއި ހިއްސާ ކުރައްވާފައެވެ. މަޖިލިސްގެ ރިޔާސަތު ބަލަހައްޓަވާއި، ނާއިބް ރައީސް އީވާ އަބްދުﷲ ވަނީ ސަރުކާރުން ހުށަހެޅުމަށް ގަސްތު ކުރައްވާ ބިލްތަކުގެ މައުލޫމާތު މެމްބަރުންނާއި ހިއްސާ ކުރައްވާފައެވެ.
ސަރުކާރުން މަޖިލީހަށް މިދައުރުގައި 32 ބިލެއް ފޮނުވާނެކަމުގެ މައުލޫމާތު މިއަދު ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ދެއްވާފައިވާކަމަށާއި، ނަމަވެސް އަދި ބިލްތައް މަޖިލީހަށް ނުލިބޭކަމަށް އީވާ ވިދާޅުވިއެވެ. ތަޅުމުގައި މިހާރު ބަހުސް ކުރަން އޮތީ 2 ބިލެއްކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ މަޖިލީހުގެ ގިނަ މަސައްކަތް މިހާރު ހުރީ ކޮމެޓީތަކުގައި ކަމަށެވެ.
"މިދައުރުގައި ސަރުކާރުގެ ފަރާތުން 32 ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވަން ހަމަޖެހިފައިވާކަމަށް މިއަދު މައުލޫމާތު ލިބިފައިވަނީ. މިދިޔަ ދައުރު ނިންމާފައި ޗުއްޓީއަށް ވަޑައިގެންނެވިއިރު ދެވަނަ ކިޔުމާއި ހަމައިގައި ހުރި ގިނަ ބިލްތަކެއްގެ މަސައްކަތް ނިންމާފަ. މިދައުރުގެ ގިނަ މަސައްކަތް ކުރެވެން އޮތީ ކޮމެޓީ މަރުހަލާއު، ތަޅުމުގައި ބަހުސް ކުރެވެން މިހާރު އޮތީ 2 ބިލެއްގެ މަސައްކަތް" އީވާ ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުގެކުރިން، އެ ދައުރަކަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހަށް ފޮނުވަންވާނެކަމަށެވެ. އަދި އެލިސްޓު މެމްބަރުންނާއި ހިއްސާކުރަންވާނޭކަމަށްވެސް ގަވާއިދުގައިވެއެވެ.