ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށައް ބަދަލުކުރުމަކީ އެހެން މިނިސްޓަރުންވެސް ކުރަން މަސައްކަތްކުރި ނަމަވެސް ނުކުރެވުނު ކަމެއްކަމަށާއި މިކަން ކާމިޔާބު މިކުރެއްވީ މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކަމަށް ގަވަރުނަރ އަލީ ހާޝިމް ވިދާޅުވެއްޖެ. ގަވަރުނަރ މިހެން ވިދާޅުވީ ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށައް ބަދަލުކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ދަރަނި ބެލެހެއްޓުމުގެ އެންމެހައި ކަންކަން އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ރަށްވެހި ބާޒާރަށް ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރ އަލީ ހާޝިމް ވިދާޅުވީ، ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ރަށްވެހި ބާޒާރަށް ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށައް ބަދަލުކުރުމުގެ މަސައްކަތަކީ ހުރިހާ މިނިސްޓަރުންވެސް ކުރި މަސައްކަތެއްކަމަށެވެ. ނަމަވެސް މިމަސައްކަތް ކާމިޔާބު ކުރެއްވީ މިނިސްޓަރ އަމީރުކަން ފާހަގަކުރައްވާ ގަވަރުނަރވަނީ މިނިސްޓަރ އިބްރާހިމް އަމީރަށް މަރުހަބާ ވިދާޅުވެފައެވެ.
ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ޗާޕުކުރުމުގެ ބަދަލުގައި ޑޮމެސްޓިކް މާކެޓް ތަރައްޤީކުރުމަށާއި، ދަރަނީގެ ޕޯޓް ފޯލިއޯ ޑައިވަރސިފައި ކުރުމަށް ޓްރެޜަރީ ބިލާއި ބޮންޑް ފުރަތަމަ ތައާރަފްކުރީ 10 ސެޕްޓެމްބަރ 2006 ގައެވެ. ކުރިން އެމްއެމްއޭގެ ދަށުން މިމަސައްކަތް ކުރަމުންދިޔަ ނަމަވެސް މިހާރު މިވަނީ މި މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، އެމްއެމްއޭއާއިއެކު ޑޮމެސްޓިކް މާކެޓް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މީގެތެރޭގައި ޑޮމެސްޓިކް މާކެޓަށް އައު އިންސްޓްރޫމަންޓްސްތައް ތައާރަފްކުރުމާއި، ސެކިއުރިޓީ އިޝޫކުރުމުގެ ކަންކަން ހަރުދަނާކުރުމަށް އައިޓީ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ހިމެނެއެވެ.