ޚަބަރު

މިއަހަރުގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށަނީ


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ޖަލްސާގެ އެޖެންޑާވެސް މިހާރު ވަނީ އާއްމުކޮށްފައެވެ.

މަޖިލީހުގެ ދެވަނަ ދައުރަށްފަހު މެމްބަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަށް ބަދަލު ގެނައިފަހުން، އަހަރުގެ ތެރޭގައި އަންނަ މަޖިލީހުގެ އެންމެ ކުރު ދައުރަކީ މަޖިލީހުގެ 2 ވަނަ ދައުރެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ދެވަނަ ދައުރުގެ މަސައްކަތް ނިންމާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓް މަޖިލީހުން ފާސް ކުރުމަށްފަހުއެވެ.

މާދަމާ ފަށާ މަޖިލީހުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް އިއްވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައްވެސް އިއްވާނެއެވެ. މި ދެކޮމިޝަނަށް ހުށަހަޅާ ނަންތައް އިއްވުމަށްފަހު ކަމާއި ގުޅޭ ކޮމެޓީތަކަށް ފޮނުވާނެއެވެ.

މަޖިލީހުގެ ފަހުދައުރަކީ ކޮންމެ އަހަރެއްގައިވެސް މަޖިލީހުގެ އެންމެ މަސައްކަތް ބުރަ ދައުރެވެ. ފަހު ދައުރުގައި މިއަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ގިނަ ބިލްތަކެއް ނިންމުމާއި، އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ފާސްކުރުންވެސް އޮންނާނެއެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރަކީ މަޖިލީހުގައި މިހާތަނަށް އެންމެ ބުރަ އަދި އެންމެ މުހިންމު އެއް މަސައްކަތް ކުރެވިގެންދިޔަ ދައުރެވެ. ނިމިޔަ ދައުރުގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ޓެރެރިސްޓު ހަމަލާއަށްފަހު، ހަމަލާގެ އިންކުއަރީ ރިޕޯޓެއް މަޖިލީހުން ވަނީ އެކުލަވާލައި ފާސްކޮށްފައެވެ. ޖުމުލަ 271 ސަފްހާގެ މައްޗަށް އެކުލެވޭ މިރިޕޯޓް ތަޅުމުން ފާސްކޮށްފައިވަނީވެސް 7 ގަޑިއިރުގެ ބަހުސްއަކަށްފަހު 58 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއިއެކު މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތް މާދަމާ ފަށާއިރު، ދައުރު ނިމި މަޖިލިސް އަހަރުގެ ފަހު ޗުއްޓީއަށް ދާނީ ނޮވެންބަރު މަހުގެ ފަހުކޮޅުއެވެ.