 
										
			ހިޔާ މަޝްރޫޢަށް ނަގާފައިވާ ލޯނު ދެއްކެން އޮތީ ފްލެޓްތަކުގެ ކުލީގެގޮތުގައި ކަނޑައަޅާފައިވާ މިންވަރަށް ކުލި ނަގައިގެންކަމަށާއި، އެހެންކަމުން މިހާރު ކަނޑައަޅާފައިވާ ކުލި ކުޑަކުރެވެން ނެތްކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ފްލެޓް ލިބުނު  ބައެއް ފަރާތްތަކުން އިއްޔެވަނީ ކުލި ކުޑަކުރުމަށް ގޮވާލާ އިޙްތިޖާޖުވެސްކޮށްފައެވެ. 
ހިޔާ ފެލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައިނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ. މުޒާހަރާކުރި ފަރާތްތަކުން ގޮވާލާފައިވަނީ 5600 ރުފިޔާއަށް ކުލި ކުޑަކުރުމަށެވެ. 
ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޞުޙައިލް އަޙްމަދު ފްލެޓްތަކުގެ ކުއްޔަށް އިތުރު ބަދަލެއް ގެންނަން ނިންމާފައި ނުވާކަމަށެވެ. 
"ކުލި ކުޑަކުރަން ބަލާއިރު، އަޅުގަނޑުމެން ކުރިންވެސް ދަންނަވާފައި އޮންނާނެ ލޯނު ދެއްކުމަށް އަޅުގަނޑުމެއްނަށް މިކުލީގައި ނޫނީ  ނެތް ލޯނުދެއްކޭކަށެއް. އެހެންވީމަ އަދިއެއް އިތުރު ބަދަލެއް އައިސްފައިނެތް ކުލި ދެއްކުމަކަށް. ހަމަ ކުރިން ކަނޑައެޅިފައޮތްގޮތަށް 7500 މަހަކު ނަގާނީ" ޞުޙައިލް ވިދާޅުވިއެވެ. 
ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްދާއިރު ފުރަތަމަ ބުރުގައިވެސް ސޮއިނުކުރާ 300 އަށްވުރެ ގިނަ މީހުން އެބަތިބިކަމަށާއި، އެއްވެސް ސަބަބެއް ނެތި އެއްބަސްވުމުގައި ސޮއިކުރަން އައިސްފައިނުވާނަމަ ފިނިޝިން މުއްދަތު އިތުރުކޮށް ނުދޭނެކަމަށްވެސް ޞުހައިލް ވިދާޅުވިއެވެ. 
ފުލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް އަންނަ ސެޕްޓޭމްބަރުމަހުގެ އެކަކުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ކުލި ދައްކަން ނުޖެހޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުރިހާ ފްލެޓްތަކަށްވެސް ކަރަންޓު ދެވޭނެކަމަށާއި އެހިސާބުން ފެށިގެން ފިނިޝިންގެ މަސައްކަތް ފަށައިގަނެވޭނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. އަދި ފިނިޝަންގެ މަސައްކަތް ކުރިއަށްދާއިރު، ހިޔާ ފްލެޓްތަކުގެ ތިރީގައި ހަދާ ފިހާރަތައް ހުޅުވުމަށް 
މަޝްވަރާކުރަމުން ގެންދާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ. އެގޮތުން ސުޕަމާކެޓް ފަދަ ތަންތަން އަވަހަށް ހުޅުވުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަން އެޗްޑީސީން ފާހަގަކުރައްވައެވެ. 
މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިހާތަނަށް 3000އަށްވުރެ ގިނަ މީހުން އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ވަނީ ހަވާލުކޮށްފައެވެ.