ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް ވައިދަގަވެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ މިމަހުގެ 13، 14، 15ވަނަ ދުވަހު، ރާއްޖެ ސަރަޙައްދުގަ ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށެވެ. މި ދުވަސްތަކުގައި ދިޔަވަރުބޮޑުވާ ވަގުތުގަ އުދަ އެރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
Strong winds are expected over the country for the next 3 days. pic.twitter.com/R2Lvlihm3q
— Maldives Meteorology (@MetMaldives) August 12, 2021
ކުރިއަށް އޮތް 24ގަޑިއިރުގެ މޫސުމަށް ބަލާއިރު އުތުރުގެ އަތޮޅުތަކަށް އެވަރެޖްކޮށް މޫސުން ރަނގަޅުވާނެއެވެ. ނަމަވެސް މެދުރާއްޖެތެރެއާ ދެކުނަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ވިލާގަނޑުގެ 40މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ނަމަވެސް ކުރިއަށް އޮތް 3 ދުވަހުގެ މޫސުމަށް ބަލާއިރު ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އޭގެ އަސަރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ކުރާނެތީ އެކަމަށް ސާމަލުވުމަށް މެޓް އޮފީހުންވަނީ އެލަރޓް ނެރެފައެވެ. ދިޔަވަރު ބޮޑުވާ ގަޑީގަ އުދަ އެރުން އެކަށީގެންވާތީ، އުދައިގެ އަސަރުފޯރާ ހިސާބުގަ ހުންނަ މުދާ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް ސަމާލުކަންދޭންޖެހެއެވެ.
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން، ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑިއެފުންވެސްވަނީ އިލްތިމާސްކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އެމްއެންޑީއެފްއިންވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށާއި، ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސްވަނީ އަންގަވާފައެވެ.