ޚަބަރު

ސިފައިންގެ ތާރީޚުގައި ފުރަތަމަ އަންހެން އިންފޮމޭޝަން އޮފިސަރަކަށް ކެޕްޓަން ހަނާ


ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިންފޮމޭޝަން އޮފިސަރަކަށް ފުރަތަމަ ފަހަރަށް ސިފައިންގެ އަންހެން ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ސިފައިންގެ އިންފޮމޭޝަން އޮފިސަރަކަށް އައްޔަންކޮށްފައިވަނީ ކެޕްޓަން ހަނާ މުޙައްމަދުއެވެ. ކެޕްޓަން ހަނާ މިމަޤާމަށް އައްޔަންކޮށްފައިވަނީ އެމަޤާމު ފުރުއްވަމުން ގެންދެވި މޭޖަރ އިބްރާހީމް ޢާޒިމްގެ ބަދަލުގައެވެ.

ސިފައިންގެ އިންފޮމޭޝަން އޮފިސަރަކަށް އަންހެން ބޭފުޅަކު އައްޔަންކުރައްވާފައިވާއިރު، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދުދީދީ މަޤާމާއި ހަވާލުވަޑައިގެންނެވި ފަހުން ޤައުމީ ދިފާޢީ ބާރުގެ ތެރެއިން މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ވަނީ މަސައްކަތްތަކެއް ފައްޓަވާފައެވެ.

މިމަސައްކަތުގެ ތެރެއިން ދިވެހި ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމަށް އަންހެން ސިފައިންވަނީ ރޭންކްކޮށްފައެވެ. އަދި ސިފައިންގެ ފަރާތުން ރައީސަށް އަރުވާ އޮނަރ ގާޑް އެރުވުމުގައި ސިފައިންގެ އަންހެން ކަނބަލުންތަކެއް ވަނީ ބައިވެރިކޮށްފައެވެ. މީގެ އިތުރުން ސިފައިންގެ ލަފާދޭ މަޖިލީހަށް ފުރަތަމަ ފަހަރަށް އަންހެން ސިފައިންވަނީ އައްޔަންކުރައްވާފައެވެ.