ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނާއި، ދިވެހި ރައްޔިތުން ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތައް ބޮލާލައި ޖަހައި، ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާނުވާނަމަ، ސްޕްރީމްކޯޓުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެކަމަށް ސްޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުޘްތާޒު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދުގެ 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކުރުމުގެ ކުރިން ޝަރީއަތުގެ އަޑު އެހުމުގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ޤާނޫނު އަސާސީއާއި، ހެދިފައިވާ ގަވާއިދުތަކާއި، ރާއްޖޭގެ އެންމެހައި ކޯޓުތަކުގެ ބާރުވެރިކަން ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސްޕްރީމްކޯޓުން ދަމަހައްޓާނެކަމުގައެވެ.
"ޤާނޫނު އަސާސީއާއި ޤާނޫނުތައް ދިފާއުކޮށް ހިންގުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތެއް. ޤާނޫނު އަސާސީއާއި، ޤާނޫނުތަކައި ކޯޓުތަކުގެ އަމުރުތަކަށް ކިޔަމަންވުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި، ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއް. ވަކި މީހެއް ފަރުގުވުމެއް، އަދި ފަރަގު ކުރުމެއްތި ހަމަހަމަ ކަމާއި އެކުގައި" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ މަކި މީހަކަށްވީތީ ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ނުހިނގައި މައްސަލަތައް ކުރިއަށް ނުދާނެފަދަ މެސެޖްތަކެއް ރައްޔިތުންނަށް ލިބުމަކީ ކޯޓުތަކާއިމެދު ރައްޔިތުންނަށް އޮތް އިތުބާރު ގެއްލި، ދައުލަތެއްގެ މައިގަނޑު ބާރުތައްވެސް ނެތިގެންދާނެ ކަމެއްކަމަށެވެ.
އަލީ ވަހީދު ފުރާފައިވަނީ އޭނާގެ މައްޗަށް ދައުވާތަކެއް އުފުލިފައިވާކަން އެނގިހުރެ އޭނައާއި ގުޅޭނެ ގޮތެއް އަދި ފުރައިގެންދާ ތަނުގެ ތަފްސީލެއް ކޯޓަށްވެސް އަދި އެއްވެސް ފަރާތަކަށްވެސް ނުދީކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އޭނާ ބޭރަށް ދިއުމުން ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ އޭނާ ޖާމިނުކޮށްދިން މީހާއަށްވެސް އޭނައާއި ގުޅޭނެ މައުލޫމާތެއް ހިއްސާކޮށްފައި ނުވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދިނުމުން މިމައްސަލަ ބެލުމަށް ހުރަސް އެޅިފައިވާކަމަށެވވެ.
"ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެކަމުގެ، ނުވަތަ ވަކި މީހަކަށް ވީމާ ކޯޓުތަކުން ކަންކުރާ ކަމުގެ އިހުސާސް ރައްޔިތުންގެ މެދުގައި އުފެދިއްޖެނަމަ ކޯޓުތައް ހުރުމުގެ ބޭނުމާއިމެދު ސުވާލު އުފެދޭނެ. ކޯޓުތަކުގެ ލެޖިސިމަސީއާއިމެދު ސުވާލު އުފެދޭނެ. އެހެންކަމުން މިފަދަ ތަސައްވަރެއް އުފެދޭނަމަ އެކަމަށް އިޖާބަދީ ޤާނޫނު އަސާސީ ދިފާއު ކުރުމަށް ސްޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ. ކޯޓުތަކުގެ ބާރުވެރިކަން ނަގަހައްޓަނެ." ސުއޫދު ވިދާޅުވިއެވެ.
ކޯޓަށް ހާޒިރުވާން ތަކުރާރުކޮށް އެންގުމުންވެސް ހާޒިރުނުވެ، ކޯޓުތަކުގެ ހުރުމަތް ކަނޑާލި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ވަނީ 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. މިހުކުމް ތަންފީޒު ކުރުމަށް ސްޕްރީމް ކޯޓުންވަނީ ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރުކޮށްފައެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.