ވިޔަފާރި

ގެސްޓްހައުސް ހިންގާ ރަށްރަށުގެ އާބާދީގެ އެންމެން ވީހާވެސް އަވަހަށް ވެކްސިން ޖެހުން މުހިއްމު


ގެސްޓްހައުސް ވިޔަފާރި ހިންގާ ރަށްރަށުގެ ވެކްސިން ޖެހޭ އާބާދީގެ އެންމެން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކް-އިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަތުރުވެރިންނަށްކަމަށް ކަނޑައަޅާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ، ގެސްޓްހައުސް ހިންގާ ރަށްރަށުގެ އާބާދީގެ ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރާކަމަށް ވިދާޅުވެފައެވެ. ސަބަބަކީ ފަތުރުވެރިން ރަށްރަށަށް އަންނަނަމަ ކޯވިޑް ފެތުރުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އޮންނާނެތީއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ވެކްސިން ޖެހޭ އާބާދީގެ އެންމެން ވެކްސިން ޖެހުން މުހިންމީ އާބާދީގައި ވެކްސިން ނުޖެހޭނެ ބަޔަކުވެސް އުޅޭތީ މުޅި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާކަމަށެވެ. އަދި ގެސްޓްހައުސްތަކުން ފަތުރުވެރިން ގެންނައިރުވެސް އެ ފަތުރުވެރިން ތިބީ ވެކްސިން ފުރިހަމަކޮށްފައިތޯ ޔަޤީންކުރުމަކީ މުހިންމުކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވެކްސިން ފުރިހަމަނުވާ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ޗެކް-އިން ކުރެވޭނީ އެ ރަށެއްގެ ވެކްސިން ކަވަރޭޖް ވަކިގޮތަކަށް ފުރިހަމަވެފައިވާނަމައެވެ. އޭގެތެރޭގައި ރަށުގައި ދިރިއުޅޭ މުޅި އާބާދީގެ %60 އަށް ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވުމާއި، ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް %95 މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުން ހިމެނެއެވެ. މީގެއިތުރުން ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ %90 މީހުން ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވުން ހިމެނެއެވެ.

ވެކްސިން ޑޯޒް ފުރިހަމަ ވެފައިކަމަށް ބަލާނީ ވެކްސިން ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސްވުމުންނެވެ. ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށްރަށަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަތުރުވެރިން ދަތުރުކުރާނަމަ ޗެކް-އިން ކުރާ ދުވަހުން ފެށިގެން 7 ދުވަސް ހަމަވުމުން ޕީ.ސީ.އާރު ޓެސްޓް ހަދަންޖެހޭނެކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑް19 ގެ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށްވެސް ދަށްވެފައެވެ. އެހެންކަމުން ނަންބަރުތައް ދައްކޮށް ބެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެކެވެ. ގެސްޓްހައުސްތައް އަލުން ހުޅުވައި ޚިދުމަތްދޭން ފެށިފައިވަނީ ގިނަ ބައެއްގެ މަސައްކަތުންނެވެ. ކޯވިޑްގެ ނަންބަރުތައް އަނެއްކާވެސް އިތުރުވެ ގެސްޓްހައުސްތައް ބަންދުކުރަންޖެހިއްޖެނަމަ މިކަމުގެ ސަބަބުން ވިޔަފާރިތަކަށްވެސް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާންޖެހޭނެއެވެ.