ޚަބަރު

އެކްސްޕޯގައި 200އަށްވުރެ ގިނަމީހުން ރެޖިސްޓްރީކޮށްފި


އެކްސްޕޯ މޯލްޑިވްސްގައި ބައިވެރިވުމަށް އިތުރުކޮށްދެއްވި މުއްދަތު މިއަދު ހަމަވިއިރު ދުއިސައްތައައްވުރެ ގިނަ ފަރާތުން ބައިވެރިވެ، ތިންހާހެއްހާ އައިޓަމް ބައިވެރިކޮށްފައިވާ ކަމަށް މައުރަޒު އޮފީހުން ވިދާޅުވެއްޖެއެވެ.



އެކްސްޕޯގައި ބައިވެރިވުމަށް ކުރިން ފުރުޞަތު އޮތީ މި މަހުގެ އެއްވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް ފަހުން ވަނީ އެ މުއްދަތު މިއަދާއި ހަމައަށް އިތުރުކޮށްފައެވެ.



މިއަދު މުއްދަތު ހަމަވިއިރު މިހާތަނަށް ދުއިސައްތައަށްވުރެ ގިނަ ފަރާތްތަކުން ރެޖިސްޓްރީކޮށްފައިވާއިރު އެކްސްޕޯއަށް ތަކެތި ގެނައުމުގެ ފުރުޞަތުވެސް ކުރިޔަށްއޮތް ހޮނިހިރު ދުވަހުގެ ހަތަރެއް ޖެހުމާ ހަމައަށް ވަނީ ހުޅުވާލާފައެވެ.



މައުރަޒު އޮފީހުން ވިދާޅުވީ ކުރިޔަށްއޮތް ހަފްތާ ބަންދުތެރޭގައިވެސް ތަކެތި ބަލައިގަތުމުގެ އިންތިޒާމް ދަރުބާރުގޭގައި ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ހުކުރުދުވަހު މެންދުރު ފަހާއި ހޮނިހިރު ދުވަހުން ހެނދުނުން ފެށިގެން ހަވީރު ހަތަރަކަށް ތަކެތި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މައުރަޒު އޮފީހުން މައުލޫމާތުދެއެވެ.



އެކްސްޕޯގެ ޗެއާމަން އަދި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބުދުﷲ މުހައްމަދު ވިދާޅުވީ ތަކެތި ހަވާލުކުރާއިރު އެތަކެއްޗާއި ކިޔާނަމާއި އެތަކެތި ވިއްކާއަގުފަދަ ތަކެތި ލިޔުމުން ފެންނަން އޮތުން މުހިންމުކަމަށެވެ.



އެކްސްޕޯއަށް ތަކެތި ކަނޑުމަގުން ފޮނުވާއިރުވެސް އެތަކެތި ރަނގަޅަށް ބަނދުކޮށްފައި މީހެއްގެ ހަވާލުގައި ތަކެތި ފޮނުވުމަށްވެސް އެކްސްޕޯ އޮފީހުން އިލްތިމާސްކުރެއެވެ.



ދިވެހި ކޮންމެ އުފެއްދުމަކަށްވެސް ފުރުޞަތުދެވިގެން ކުރިޔަށްގެންދެވޭ އެކްސްޕޯ މޯލްޑިވްސް 2015 ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް ދަރުބާރުގޭގައެވެ.