ޚަބަރު

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް


މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ދީފިއެެވެ.

މިއަހަރުގެ އޮކްޓޫބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން ޗެމްޕިއަންޝިޕް ނުވަތަ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުޞަތު ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ރާއްޖެއަށް ދީފައިވަނީ، އެކަމަށްޓަކައި މެންބަރު ޤައުމުތަކުގެ މެދުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އޮކްޓޫބަރު 1 އިން 15އަށް ކުރިއަށްގެންދާ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ބިޑު ރާއްޖެއިން ކާމިޔާބުކޮށްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު މުބާރާތް ބާއްވާނެ ގައުމެއް ހޯދުމަށް، ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު، ރާއްޖޭގެ އިތުރުން އިންޑިއާ އަދި ނޭޕާލުންވެސް ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ.


މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާ ޤައުމަކަށް ރާއްޖެ ހޮވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެކަން ފާހަގަކުރައްވާ އެފްއެއެމްއާއި ފުޅުބޯޅަ އާއިލާއިން މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ބިޑް ކާމިޔާބުކުރުމަށްޓަކައި ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ.


މިއީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާ 2 ވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ފުރަތަމަ ބާއްވާފައިވަނީ 2008 ވަނަ އަހަރު ސްރީލަންކާއާ ގުޅިގެންނެވެ. އަދި އެފަހަރުގެ މުބާރާތް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިއަހަރަށް ފަސް ކުރަން ޖެހުނީ ކޯވިޑް-19ގެ ސަބަބުންނެވެ. ބަންގްލަދޭޝްގައި ބާއްވަން މަސައްކަތް ކުރި މުބާރާތް ބޭއްވޭގޮތްނުވީ ބަންގްލަދޭޝްގައި ކޯވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ.

ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވަނީ ކޯވިޑުން އަރައިގަތުމަށް ސަރަޙައްދީ ޤައުމުތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި ސާފު ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައިވާއިރު، ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަނީ އެހެން ޤައުމުތަކާއި އަޅާބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް ވެކްސިން 2 ލައްކަ 80 ހާހަށްވުރެ ގިނަ މީޙުން ވަނީ ފުރިހަމަކޮށްފައެވެ. ރާއްޖެ ފާހަގަވަނީ ސަރަޙައްދީ ގޮތުންވެސް އަދި ދުނިޔޭގެ ނިސްބަތުންވެސް ވެކްސިންޖެހޭ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ޤައުމެއްގެ ގޮތުގައެވެ.

މީގެއިތުރުން ރާއްޖެއަކީ ރައްކާތެރި ޤައުމެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ސަރަޙައްދީ މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވިގެންދިއުމަކީ އިޤްތިޞާދީގޮތުންވެސް ފައިދާތަކެއް ރާއްޖެއަށް ލިބިގެންދާނެކަމެކެވެ.