ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އެކަނިވެރި މައިންނަށް މިހާރު ދެއްވަމުން ގެންދަވާ ފައިސާގެ އެހީއަކީ، ޚާއްޞަ ގޮތެއްގައި ކުރިޔަށް އޮތް ދިރާސީ އަހަރަށް ތައްޔާރުވުމުގައި އެފަދަ މައިންގެ ދަރިންނަށް ކުރިމަތިވެދާނެ ދަތިތައް ޙައްލުކުރުމަށް ވެދެއްވާ އެހީއެއްކަމަށް ރައީސުޖުމްހޫރިޔާގެ އަނބިކަނބަލުންގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އޮފީހުގެ ފަރާތުން އަލްފާޟިލް އިބްރާހީމް މުޢާޒް ޢަލީ ހާމަކުރެއްވި ގޮތުގައި މި އެހީއަކީ ސިޔާސީ ވިސްނުންފުޅެއް ނުވަތަ ސިޔާސީ މަޤްޞަދެއްގައި ކުރައްވާ ކަމެއް ނޫންކަމަށެވެ. އަދި މި ފައިސާއަކީ، ދައުލަތުގެ ފައިސާއިން ދެއްވާ ފައިސާއެއްވެސް ނޫންކަމަށެވެ.
މި ފައިސާގެ އެހީވެދެއްވަނީ، 1999 ޖެނުއަރީން ފެށިގެން 2012 ގެ ޑިސެމްބަރުގެ ނިޔަލަށް އުފަންވެފައި ތިބި ކުދިންގެ ތެރެއިން އެކަނިވެރިންގެ މައިން ކޮންމެ ކުއްޖަކަށް، އެއްހާސް ރުފިޔާގެ ރޭޓުންނެވެ.
ރައީސުޖުމްހުރިޔާގެ އަނބިކަނބަލުންގެ އޮފީހުން ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހިންގަވާ އިޖްތިމާޢީ އެހީތެރިކަން ވެދެއްވުމާއި ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދެއްވުމުގެ ޙަރަކާތްތަކުގެ ތެރޭގައި ހިމަނުއްވައިގެން ވެދެއްވާ މި އެހީ ދެއްވަން ކަނޑައެޅިފައިވާ ބައެއް މީހުންނާ ފޯނުން ގުޅުއްވުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ.
މިހެން ދިމާވަނީ، މި އެހީ ދެއްވާނެ މީހުން ފާހަގަކުރެއްވުމަށް ބައްލަވާ، އެންސްޕާގެ ކަމާގުޅޭ ރަޖިސްޓްރީގައި އެފަދަ މީހުންގެ ފޯނު ނަމްބަރުގެ ގޮތުގައި ހުރި ބައެއް ނަމްބަރާ ގުޅާއިރު ނުގުޅުމާއި އަދި ބައެއް ނަމްބަރަކީ، މިހާރު އެމީހުން ބޭނުންކުރާ ނަމްބަރަށް ނުވުންފަދަ ކަންކަން ދިމާވާތީކަމަށް މުއާޒް ވިދާޅުވިއެެވެ. އެހެންކަމުން މި ޑިސެމްބަރ މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ން ހަވީރު 5 އަށް ޚާއްޞަ ނަމްބަރަކުން ގުޅޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އެ ހޮޓްލައިން ނަމްބަރަކީ 3346277 އެވެ.
އެހެންކަމުން މިމަހުގެ ދިހަވަނަ ދުވަހުގެ މެންދުރު ތިނެއްގެ ކުރިން އެއޮފީހާ މިފަދަ ފަރާތްތަކުން ގުޅުއްވުމަށް ރައީސުޖުމްހުރިޔާގެ އަނބިކަނބަލުންގެ އޮފީހުން އެދިވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އެކަނިވެރި މައިންނަށް މިހާރު ދެއްވަމުން ގެންދަވާ ފައިސާގެ އެހީ ދެއްވަން ފެއްޓެވީ އިއްޔެއެވެ.