ޚަބަރު

އެމް.ޑަބްލިއު.އެސް.ސީގެ ފެނުގެ ޕްރެޝަރ މަތިކުރަނީ


އެމް.ޑަބްލިއު.އެސް.ސީން މާލޭއަށް ދޫކުރާ ސަޕްލައިފެނުގެ ޕްރެޝަރ މަތިކުރުމުގެ ގޮތުން ބައެއް ސަރަހައްދުތަކުގެ ފެންހޮޅިތައް
ބަދަލުކުރުމުގެ މަސައްކަތްކުރުމަށް އެމް.ޑަބްލިއު.އެސް.ސީއާ މޯލްޑިވްސް
ރޯޑް ކޯޕަރޭޝަން އެމް.އާރު.ޑީ.ސީއާ ދެމެދު ސޮއިކޮށްފިއެވެ.





އެމް.ޑަބްލިއު.އެސް.ސީގައި
މިއަދު  ބޭއްވި ރަސްމިއްޔާތުގައި
އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވުމަށްފަހު މީޑިޔާއަށް
މައުލޫމާތުދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް
ރަޝީދު ވިދާޅުވީ މި މަޝްރޫއަކީ މާލޭގެ ބައެއް ސަރަހައްދުތަކުން ޕީކް ގަޑިތަކުގައި
ފެނުގެ ޕްރެޝަރ ދަށްވަމުންދާތީ އެކަން ރަނގަޅުކުރުމުގެ ގޮތުން ހިންގާ
މަޝްރޫއެއްކަމަށެވެ. 



ފަޒުލް ރަޝީދު ވިދާޅުވީ މިމަޝްރޫއު ކުރިޔަށްގެންދާނީ ތިން
ފިޔަވައްސަކަށް ބަހާލައިގެންކަމަށާ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަހަރުގެ
ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު މިމަސައްކަތަށް 1.8 މިލިޔަން
ޚަރަދުވާނެކަމަށެވެ. މިމަސައްކަތްތައް ކުރިޔަށްދާއިރު ފެނުގެ ޚިދުމަތް
ހޯދާފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ފޯރާފާނެކަމަށާ، އެހެންކަމުން
އާންމުންގެ އެއްބާރުލުން މިކަމުގައި ބޭނުންވާކަމަށް ފަޒުލް ވިދާޅުވިއެވެ.





ފޭސް އެކެއްގެ
މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށާއި މި ތިން ފޭސްގެ
މަސައްކަތްވެސް 2017 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. 



އެމް.ޑަބްލިއު.އެސް.ސީން ވިދާޅުވީ މިމަސައްކަތްތައް ނިމުމުން މާލޭގެ ހުރިހާ
ސަރަހައްދަކަށް އެކަށީގެންވާ ޕްރެޝަރުގައި ފެން ފޯރުކޮށްދެވޭނެކަމަށެވެ. 



މި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިޔާއަށް މައުލޫމާތުދެއްވަމުން
މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް
ނަޒީމް ވިދާޅުވީ މިމަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމާ
ރައްޔިތުންނަށް މިކަމުގެ ލުއިފަސޭހަކަން ވީހާއަވަހަށް ގެނެސްދިނުމަށް
އެމްއާރުޑީސީން މަސައްކަތްތައް ރާވާލައިގެން ކުރިޔަށްގެންދަވާނެކަމަށެވެ.





އެމްޑަބްލިއުއެސްސީން
ވިދާޅުވީ މިހާރު ޚާއްޞަކޮށް، ހުކުރުދުވަސްފަދަ ދުވަސްތަކުގެ ޕީކްގަޑީގައި މާލޭގެ
މެދުތެރޭގެ ބައެއް ސަރަހައްދުތަކުގައި ފެނުގެ ޕްރެޝަރ ދަށްވެގެންދާކަމަށެވެ. ފޭސް އެކެއްގެ ދަށުންވެސް 1.82 ކިލޯމީޓަރުގެ
ޕައިޕްލައިން އާކުރުމަށް ހަމަޖެހިފައިވާއިރު މި ފޭސްގެ މަސައްކަތްތައް
ނިމޭއިރުވެސް ޕްރެޝަރ ދަށްކަމަށް ފާހަގަކުރެވޭ މާލޭގެ އެހެން ސަރަހައްދުތަކުގެވެސް
ފެނުގެ ޕްރެޝަރ މަތިވެގެންދާނެކަމަށް އެމްޑަބްލިއުއެސްއީން ވިދާޅުވެއެވެ.