ޚަބަރު

މިއަދުވެސް ރާއްޖެއިން 113 މީހުން ކޯވިޑަށް ޕޮޒިޓިވް


އިތުރު 113 މީހުން ކޯވިޑަށް ޕޮޒިޓިވްވެ 95 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 78،356 އަށް އަރައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 113 މީހުންނެވެ. އޭގެ ކުރީދުވަހުވެސް ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 113 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި 113 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 71 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 78356 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓްކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 2،577 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 22 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 95 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 75545 އަށް އަރާފައެވެ. 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5664 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.