ވިޔަފާރި

ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 4000 އިން މަތީގައި


އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 4000 އިން މައްޗަށް އަރައިފިއެވެ. މިއީ މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާ މަތިވި ފުރަތަމަ ފަހަރެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އޮގަސްޓް މަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން އޮގަސްޓް މަހުގެ ފުރަތަމަ 6 ދުވަހަށް ބަލާއިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4513 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިއަހަރުގެ އެހެން މަސްމަހާއި އަޅާބަލާއިރު ބޮޑުތަން އިތުރު އަދަދެކެވެ.

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު:

  • ޖަނަވަރީ: 2971 ފަތުރުވެރިން
  • ފެބްރުއަރީ: 3460 ފަތުރުވެރިން
  • މާރޗް: 3535 ފަތުރުވެރިން
  • އޭޕްރިލް: 3040 ފަތުރުވެރިން
  • މެއި: 2084 ފަތުރުވެރިން
  • ޖޫން: 1872 ފަތުރުވެރިން
  • ޖުލައި: 3284 ފަތުރުވެރިން
  • އޮގަސްޓް (1 އިން 6 އަކަށް) 4513 ފަތުރުވެރިން


މިމަހުގެ ފުރަތަމަ 6 ދުވަހު ރާއްޖެއަށް 27،079 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1380 ފަތުރުވެރިންނެވެ. އެހެންކަމުން މިދިޔައަހަރާއި އަޅާބަލާއިރު މިހާރު ރާއްޖޭގެ ފަތުރުވެރިންކަން ވަނީ ވަރަށް ބޮޑަށްވެސް ކުރިއަރާފައެވެ.

މިމަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 5424 ފަތުރުވެރިން ވަނީ އައިސްފައެވެ. އޮގަސްޓް މަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެވްރެޖްކޮށް 9.8 ދުވަސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 639،446 އެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.