ޚަބަރު

އަންނަ މަހުން ފެށިގެން ވެކްސިން ފުރިހަމަކުރާ ރަށްރަށަށް، ދަތުރުކުރާއިރު ޕީސީއާރް ހަދަން ނުޖެހޭ


ކަނޑައެޅިފައިވާ އުމުރުފުރާތަކުގެ %90 މީހުން ވެކްސިން ފުރިހަވެފައިވާ ރަށްރަށަށް ދަތުރުކުރާ މީހުން، ކަރަންޓީންވުމާއި ޕީ.ސީ.އާރް ޓެސްޓު ހަދަން ނުޖެހޭގޮތަށް ލުއިދޭން ނިންމައިފިއެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މިގޮތަށް ލުއިދޭން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އެކަކުން ފެށިގެންނެވެ.

ކޯވިޑު-19ގެ ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވާ މީހުން ދަތުރުކުރާއިރު ކަރަންޓީންވުމާއި ޕީ.ސީ.އާރް ޓެސްޓު ހެދުމަށް ލުއިދިނުމާ ގުޅޭގޮތުން އެޗްޕީއޭއިން ނެރުއްވި ޢިޢުލާނެއްގައި ވިދާޅުވެފައިވަނީ ރަށުގައި ވެކްސިން ފުރިހަމަވެފައިވާ ނިސްބަތަށާއި ދަތުރު ފަށާ ރަށުގައި ބަލި އުޅޭ ނިސްބަތަށް ބަލައި، ދަތުރުފަތުރުކުރުމުގައި މިހާރު އަމަލުކުރަމުންދާ ފުރަބަންދު ކަރަންޓީނުވުމާއި ޓެސްޓު ހެދުމުގެ އުޞޫލުތަކަށް ސެޕްޓެމްބަރ އެކަކުން ފެށިގެން ބަދަލު ގެނެވޭކަމަށެވެ.

ރަށުގައި ވެކްސިން ފުރިހަމަވާ ނިސްބަތް:

  • ރަށުގައި ދިރިއުޅޭ ވެކްސިން ޖެހުމަށް ޝަރުޠު ހަމަވާ 12 އަހަރުންމަތީގެ އާބާދީގެ %90 އަށް ވެކްސިން ފުރިހަމަވުން.
  • ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ %90 އަށް ވެކްސިން ފުރިހަމަވުން.
  • ގެސްޓް ހައުސް ހުންނަ ރަށްރަށުގައި ގެސްޓް ހައުސްތަކުގައި މަސައްކަތްކުރާމީހުންނާއި ޓުއަރިސްޓް ޚިދުމަތުގައި މަސައްކަތްކުރާ މީހުންގެ %95 އަށް ވެކްސިން ފުރިހަމަވުން.


ކަރަންޓީންވުމާއި ޕީ.ސީ.އާރް ހެދުމުގައި އަމަލުކުރެވޭނެ ގޮތާގުޅޭގޮތުން އެޗްޕީއޭއިން ވިދާޅުވީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ، ދަރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ހަމަވެފައިވާނަމަ، ދަތުރު ފަށާ ރަށުގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ %5 އަށްވުރެ ދަށްނަމަ ކަރަންޓީނުވާން ނުޖެހޭނެކަމަށާއި، އަދި ޕީ.ސީ.އާރް ޓެސްޓު ނުހަދާވެސް ދަތުރުކުރެވޭނެކަމަށެވެ.

މީގެ އިތުރުން ދަތުރު ފަށާ ރަށުގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ %5 އަށްވުރެ މަތި ނަމަ ދަތުރުކުރެވޭނީ ފުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކުކަމަށްވެސް މި ޢިއުލާނުގައިވަނީ ފާހަގަކޮށްފައެވެ.

އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހެއްނަމަ، ދަތުރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ހަމަވެފައިވީ ނަމަވެސް 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމާއި ކަރަންޓީނުން ދޫކުރުމަށް ހަދާ ޕީ.ސީ.އާރް ޓެސްޓުހަދަންޖެހޭނެއެވެ.

ހަމައެހެންމެ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހެއްނަމަ ދަތުރުކުރާ ރަށުގައި ސަރުކާރުން ކަނޑައަޅާގައިވާ މިންވަރަށް ވެކްސިން
ކަވަރޭޖް ހަމަނުވާނަމަ، ފުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާ އޮތުމާއި، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރަންޖެހޭއިރު، ކަރަންޓީނުން ދޫކުރުމަށް ހަދާ ޕީ.ސީ.އާރް ޓެސްޓު ހަދަންޖެހޭނެކަން މިޢިއުލާނުގައިވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހުން، ދަތުރުކުރުމުގެ ބޭނުމަށް ކުރަންޖެހޭ ޕީ.ސީ.އާރް ޓެސްޓް ނުވަތަ
ފުރުމުގައި ހަދަންޖެހޭ ޓެސްޓާއި ކަރަންޓީނުގެ މުއްދަތު ނިމުމަށްފަހު ހަދާ ރިލީސް ޓެސްޓު ސެޕްޓެމްބަރު އެކަކުން ފެށިގެން ހަދަންޖެހޭނީ އަމިއްލަ ޚަރަދުގައިކަން އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.