ވިޔަފާރި

2 ވަނަ ކުއާޓަރުގައި ދިރާގުގެ ސާފު ފައިދާ 195 މިލިއަނުގައި


މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ދިރާގަށް 195 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިއްޖެއެވެ. ނަމަވެސް މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

ދިރާގުން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީއާއި ފައިދާ ވަނީ ދަށްވެފައެވެ. މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 617 މިލިއަން ރުފިޔާއެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 660 މިލިއަން ލިބިފައިވެއެވެ.

2 ވަނަ ކުއާޓަރުގައި މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ ވަނީ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު ބޮޑުތަނުން ދަށްވެފައެވެ. މިދިޔަ ކުއާޓަރުގައި މޯބައިލް ޚިދުމަތްތަކުން ލިބިފައިވަނީ 340 މިލިއަން ރުފިޔާއެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި މި އަދަދު އުޅުނީ 390 މިލިއަނުގައެވެ. ފިކްސް ބްރޯޑްބޭންގެ ޚިދުމަތުން ލިބުނު އާމްދަނީ 2 ވަނަ ކުއާޓަރުގައި ވަނީ އިތުރުވެފައެވެ. އެއީ 261 މިލިއަނެވެ. ފުރަތަމަ ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 255 މިލިއަނެވެ.

2 ވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 195 މިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާއަކީ 219 މިލިއަނެވެ.

ދިރާގުން ބުނެފައިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި އެ ކުންފުނީގެ އާމްދަނީ ދަށްވެފައިވަނީ ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ބޮޑުތަނުން އިތުރުވުމާއި ގުޅިގެންކަމަށެވެ. ކޯވިޑްގެ ކޭސްތައް އިތުރުވުމާއިއެކު ގޭގައި މަސައްކަތްކުރާ ފަރާތްތަކާއި އޮންލައިންކޮށް ކިޔަވާ ކުދިންނަށް އަމާޒުކޮށްގެން ދިރާގުން ވަނީ މި ކުއާޓަރުގައި ފްރީ އެލަވަންސާއި ޑިސްކައުންޓް ދީފައެވެ. ރާއްޖެ އަންނަ ފަތުރުވެރިން ދަށްވެ ރޯމިންގ ޚިދުމަތުން ދިރާގަށް ލިބުނު އާމްދަނީ ދަށްވުމަކީވެސް މި ކުއާޓަރުގެ އާމްދަނީއަށް އަސަރުކުރި ސަބަބެއްކަމަށް ދިރާގުން ބުނެއެވެ.