ވިޔަފާރި

2 ވަނަ ކުއާޓަރުގައި އުރީދޫއަށް ލިބުނު އާމްދަނީ ދަށަށް!


މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ލިބުނު އާމްދަނީއާއި ފައިދާވެސް ދަށްވެއްޖެއެވެ.

އުރީދޫ މޯލްޑިވްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު އެ ކުންފުންޏަށް ލިބުނު އާމްދަނީއާއި ސާފު ފައިދާވެސް ވަނީ ދަށްވެފައެވެ. އަހަރުގެ 2 ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އުރީދޫއަށް ލިބިފައިވަނީ 423 މިލިއަން ރުފިޔާއެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 447 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ %5.3 ދަށްއަދަދެކެވެ.

ޓެކްސްއަށް ކެނޑުމަށްފަހު މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ލިބުނު ސާފު ފައިދާ އުޅެނީ 97.6 މިލިއަނުގައެވެ. ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްގެ ސާފު ފައިދާއަކީ 122 މިލިއަން ރުފިޔާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައެވެ.

މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އުރީދޫއަށް މޯބައިލް ޙިދުމަތުން ލިބުނު އާމްދަނީ ދަށްވިނަމަވެސް ފިކްސް ބްރޯޑްބޭންޑް ޙިދުމަތުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މޯބައިލް ޙިދުމަތުން ލިބުނު އާމްދަނީއަކީ 320 މިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި މި އަދަދު އުޅުނީ 344 މިލިއަނުގައެވެ. 2 ވަނަ ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް ޙިދުމަތުން ލިބިފައިވަނީ 102 މިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 96 މިލިއަނެވެ.

އުރީދޫ މޯލްޑިވްސްއިން އިން ބުނީ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށްވެފައިވަނީ ކޯވިޑް19ގެ ސަބަބުންކަމަށެވެ. އެގޮތުން 2 ވަނަ ކުއާރޓަރުގައި ކޯވިޑާއި ގުޅިގެން ރޯމިންގ ޚިދުމަތުން ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެފައިވާކަމަށް އުރީދޫއިން ބުނެއެވެ.