ދަތުރުފަތުރުގެ ދާއިރާއާއި އައިސިޓީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ދިވެހިރާއްޖެއާއި ބަލްގޭރިއާއިން މަޝްވަރާކޮށްފިއެވެ. 
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބަލްޤޭރިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ޓްރާންސްޕޯޓް، އިންފޮމޭޝަން ޓެކްނޯލޮޖީ އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ ގިއޯރގީ ތެދްރޮވްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. 
މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ދަތުރުފަތުރުގެ ދާއިރާއާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފުޅާދާއިރާއެއްގައި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނުކަމަށެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން ކުރިއަށްއޮތްތަނުގައި އެ ދާއިރާތަކުން ދެޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. 
މީގެ އިތުރުން މިނިސްޓަރ ޝާހިދުވަނީ ބަލްޤޭރިއާގެ މިނިސްޓަރ އޮފް އިކޮނަމީގެ ނާއިބު ކަލީނާ ކޮންސްޓަންޓިނޯވާއާވެސް ބައްދަލުކުރައްވާފައެވެ. 
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާ ބަލްގޭރިއާދެމެދު ވިޔަފާރިއާ އިޤްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވޭނެގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ މަހުގެ އުފެއްދުންތައް ބަލްގޭރިއާއަށް އެކްސްޕޯޓުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވްރާކުރެއްވިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. 
		
			މި ބައްދަލުވުންތަކުގެ ކުރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަލްޤޭރިއާގެ ފޮރިން މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާއިވެސް ބައްދަލުކުރައްވައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ، އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއްކުރައްވާފައެވެ. 
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑރ. ފަރަހަނާޒް ފައިޞަލާއި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ މަރިޔަމް އަފްނާން ބައިވެރިވެވަޑައިގަންނަވާނެއެވެ. 
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ބަލްގޭރިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއްދެއްވާނެ ކަންތައްތަކާއި، އެމަނިކުފާނުގެ ރިޔާސަތުގެ ތެރެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަމާއި ގުޅޭގޮތުންވެސް ބަލްގޭރިއާގެ އިސްބައެއް ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.