ޚަބަރު

ލޮޓަސް ގޯޅި ބަންދުކޮށްދޭން އެދުނުކަމަށް ބުނާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި


މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކޮށްދޭން ހައިކޮމިޝަނުން އެދުނުކަމަށް ބުނާ ވާހަކަތައް ސަރުކާރުން ދޮގުކުރައްވައިފިއެވެ.

އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ދާއިމީކޮށް ބަންދު ކުރުމަށް ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ސަރުކާރުގައި އެދުނުކަމަށް ބުނެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރާފައެވެ.

ފޮރިން މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ވިދާޅުވީ، އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކޮށްދޭން ހައިކޮމިޝަނުން އެދިފައި ނުވާ ކަމަށެވެ. އަދި ހައިކޮމިޝަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ސަލާމަތީ ހިދުމަތްތަކުންކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ޗައިނާގެ އެމްބަސީގެ އެދުމުގެ މަތިން މިމަހުގެ ކުރީކޮޅު އެދެތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ޢުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކު މިމަހުގެ ތެރޭގައި ވަނީ ހައްޔަރުކޮށްފައެވެ.

ދިވެހި ރާއްޖޭގައި ޤާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމަކަށް ވީހިނދު، ދިވެހިރާއްޖެއާއި އަވައްޓެރި ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ޤައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާގޮތަށް ކުރާ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާތީ، އެކަމާ ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަންބޮޑުވާކަން ފާޅުކުރައްވާފައެވެ.

މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއްކަމުން، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.