ޚަބަރު

ބޮޑެތި ޖޫރިމަނާތަކާއި ހެދި ލައިސަންސް ނުނެގި ތިބި މީހުންގެ އިންތިޒާރަށް ނިމުމެއް


ލައިސަންސް ނުނަގައި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

ޓްރާސްޕޯޓް އޮތޯރިޓީން ގަވާއިދަށް މިބަދަލު ގެނެސްފައިވާއިރު 18 އަހަރު ނުފުރޭ ކުދިން ލައިސަންސް ނެތި ކޮށްފައިވާ ޖޫރިމަނާއަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ވިދާޅުވެފައެވެ. އަދި ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށްވެސް އެ މައްސަލަ ހުށަހަަޅައިގެން މިހާރު ކުރިއަށްދެއެވެ.

ގަވާއިދުގައި ކުރިން އޮންނަ ގޮތުން ޖޫރިމަނާ ފައިސާ ދައްކައި ހަލާސް ކޮށްގެން ނޫން ގޮތަކަށް އެ މީހުންނަށް ލައިސަންސް ނުނެގޭނެއެވެ. އެކަމާ ގުޅިގެން ޝަކުވާތައް އިތުރުވެފައިވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފެށި ގަވާއިދުގައިވާ ގޮތުން، ލައިސަންސް ނުނަގައި ދުއްވުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް އަލަށް ލައިސަންސް ނެގޭނެއެވެ.

ރާއްޖޭގެ ޤާނޫނު ބުނާގޮތުން 18 އަހަރުން ދަށުގެ ކުދިން ސައިކަލާއި، ކާރުފަދަ އުޅަދު ދުއްވުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 އަހަރު ނުފުރޭ ކުދިން ސައިކަލާއި ކާރު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ބޮޑެތި ޖޫރިމަނާތައް ވަނީ ކޮށްފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޤަވާޢިދާ ޚިލާފުވެގެން އަހަރަކު 3،000 އާ ގާތްކުރާ އަދަދަކަށް މީހުން ޖޫރިމަނާކުރެއެވެ.

2019 އާއި 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު 2365 ފަރާތެއް، އަދި 2020 ވަނަ އަހަރު 2658 ފަރާތް ވަނީ ޖޫރިމަނާ ކޮށްފައެވެ. މީގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ 330 ކުދިން އެބަތިބިއެވެ. މިފަރާތްތަކުގެ ތެރެއިން އެތައް ބަޔަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު ޖޫރިމަނާ ކުރެވުމުގެ ސަބަބުން އެތައް ހާސް ރުފިޔާއެއް ދައްކަންޖެހި އެހެންނަމަވެސް އެ ޖޫރިމަނާ ދައްކާނެ ގޮތެއް ނެތިފައި ތިބި ޒުވާނުންނެވެ.

ލައިސަންސް ނުނަގައި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭ ގޮތަށް ޤަވާޢިދު ބަދަކު ކުރިއިރު، ޤަވާއިދުތަކާއި ޚިލާފުވުމުންނާއި ޤަވާޢިދާއި ޚިލާފަށް ޕާކުކުރާނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް ލައިސަންސް ބާތިލުކުރާ ގޮތަށްވެސް ވަނީ ޤަވާޢިދަށްވަނީ ބަދަލު ގެނެސްފައެވެ.