 
										
			އެންމެންގެ ރައްކާތެރިކަމަށްޓަކައި ކުރިއަށް އޮތް އީދު ބަންދާއި ބޮޑު ޗުއްޓީގައި ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ. 
ކޯވިޑްގެ ނުރައްކާ ކުޑަވުމާއި ގުޅިގެން ދަތުރުފަތުރުކުރުމަށްދިން ލުއިތަކާއެކު ގިނަ ޢަދަދެއްގެ ބަޔަކުދަނީ މާލެއިން ރަށްރަށަށް ދަތުރުކުރަމުންނެވެ. 
މިއާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން މިރޭ ވަނީ އީދު ބަންދާއި ޗުއްޓީގައި ދަތުރުކުރުމާއި އެކި އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަންދިނުމަށް ޚާއްސަ އިއުލާނެއް އާންމުކުރައްވާފައެވެ. 
މި އިއުލާނުގައި ކޯވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި އެކި އެކި ޚިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައާއި ދަތުރު ފަތުރުކުރުމުގައި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. 
ޚާއްޞަ ގޮތެއްގައި ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރެއްވުމުގައާއި އީދުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެއޭޖެންސީންވަނީ ދަންނަވާފައެވެ. އެގޮތުން އެންމެންގެ ރައްކާތެރިކަމަށްޓަކައި މައިގަނޑު ހަތްކަމެއް ފާހަގަކޮށް އެކަންކަމަށް އިސްކަންދީގެން ފިޔަވަޅުތައް އެޅުއްވުމަށްވަނީ އަންގާފައެވެ. 
އޭގެ ތެރޭގައި ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅާ، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން ނުވަތަ "އެއް ބަބުލްގެ މީހުން" ފިޔަވައި އެހެންމީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ޚިދުމަތްތައް ހޯހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކްއެޅުމަށްވަނީ ބާރު އަޅުއްވާފައެވެ. 
މީގެ އިތުރުން ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށާއި އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ޙަރަކާތްތައް އިޚްތިޔާރުކުރުމާއެކު، އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ. 
އަދި ކުޅިވަރު މުބާރާތްތައް ނުބޭއްވުމާއި، ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޕާރކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަސް އެޗްޕީއޭގެ އިއުލާނުގައިވަނީ ހަނދާންކޮށްދީފައެވެ. 
ކޯވިޑަށް ޕޮޒިޓިވާ މީހުންގެ އަދަދު މަދުނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ. ހަމައެހެންމެ ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުމަކީ މުހިއްމު ކަމެއްކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. 
މީގެ އިތުރުން ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީނު އުޞޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީންވަނީ އިލްތިމާސްކުރައްވާފައެވެ. ކޯވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކައި އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރެއްވުމަށް އެޗްޕީއޭގެ ޢިއުލާނުގައި އިލްތިމާސްކުރައްވާފައިވެއެވެ.