ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތު ތަންފީޒު ކުރެއްވުމަށްޓަކައި އެކަމަށް ޚާއްޞަ އުޞޫލެއް އެކުލަވާލައްވައި، އެ އުޞޫލުގެ ދެލިކޮޕީއަށް ޚިޔާލު ހޯއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.ޖޯގްރަފީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުންނާއި، ވަކި ވަކި ރަށްތަކެއްގައި ކުދި އާބާދީތަކެއް އުޅެމުންދިއުމަކީ ތަރައްޤީއަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެކެވެ. މިއާއެކު އެއްފަސް ކުރުމުގެ ސިޔާސަތަކީ މިހާތަނަށް ގިނަ ސަރުކާރުތަކުން އެކަމަކަށް އިޖާބަދީފައިވާ ސިޔާސަތެކެވެ. ވޭތުވެދިޔަ ސާޅީސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ވަނީ 198 އިން 185 އަށް ބަދަލުވެގެން ގޮސްފައެވެ. ރައީސް ޔާމީންގެ ސިޔާސަތަކީވެސް ކުދި ރަށްތަކުން މީހުން ބަދަލުކޮށް، ތަރައްގީއަށް އެޅިފައިވާ ހުރަސްތައް ނައްތަވާލެއްވުމެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީވެގެންދާއިރު ކުދި އާބަދީތަކުން ހުޅުމާލެއަށް ބަދަލުވުމަށް ރައީސް ޔާމީންވަނީ އެތައް ޕޯޑިއަމެއްގައި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. މިހާރު އެކުލަވާލާފައިވާ އެއްފަސްކުރުމުގެ އުސޫލުވެސް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ކުދި އާބާދީތަކުން ހުޅުމާލެއަށް ބަދަލުވުމުގެ މައްޗަށް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. އުސޫލު ފައިނަލް ވެގެންދާއިރު ހުޅުމާލޭގެ އިތުރުން، އެއްފަސްކުރެވިދާނެ އިތުރު ރަށްތަކެއް ކަނޑައެޅިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ފާއިޒް ވިދާޅުވިއެވެ. ސަރުކާރުން މިހާރުވެސް ދަނީ ބައެއް ކުދި ރަށްތަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މީގެތެރޭގައި ލ.ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރުން ހިމެނެއެވެ. އަދި ހއ މޮޅަދޫ މީހުން ދިއްދުއަށް ބަދަލުކުރުމުގެ ވިސްނުމެއްވެސް ހައުސިން މިނިސްޓްރީން ގެންގުޅުއްވައެވެ. ގާދޫ މީހުން ބަދަލުކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފައްޓަވާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ، މިފަދަ އުޞޫލެއް އެކަށައެޅުމުގައި ބަލަންޖެހޭ ބެލުންތައް ގިނަ ކަމަށާއި، އުޞޫލު ފައިނަލް ކުރާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.