ޚަބަރު

ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މުޅިމަޖިލީހުގެ ކޮމިޓީން ފާސްކޮށްފި


ވަކިވަކި ވިޔަފާރި މަޝްރޫޢުތަކުން ނުވަތަ ދާއިރާތަކުން ލިބޭ ޢާމްދަނީން ޓެކްސް ނެގުން އިސްތިސްނާކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް، ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާވާ ބާވަތްތައް އިޞްލާޙުކުރުމަށާއި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ މީހުން ދައްކަންޖެހޭ ބޭންކް ކޮމިޝަނާއި، އިންޓަރ ކަނެކްޝަން ޗާޖަސް، އަދި ރީ-އިންޝުއަރަންސް ޕްރީމިއަމްއިން ޓެކްސް ދެއްކުން އިސްތިސްނާކުރުމަށް ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު ހުށައަޅާފައިވާ މިބިލު އިޤްތިސާދީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު މިއަދުވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައި ބަހުސްކޮށްފައެވެ.

ޖުމްލަ 53 އިސްލާހު ގެންނަން ހުށަހަޅާފައިވާ މި ބިލަށް އިޤްތިޞާދީ ކޮމިޓީން 6 އިސްލާހެއް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ކުންފުނިތަކަށް، ވިތު ހޯލްޑިން ޓެކްސްގެ ޕަސެންޓޭޖް %10 އިން %5އަށް ދަށްކުރުން ހިމެނެއެވެ.

ވަކި ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިހުތިޔާރު މި ބިލު ޤާނޫނަކަށްވުމުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާއިރު އެ ދާއިރާތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށް ބިލުގައިވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކަނޑައެޅޭ މަޝްރޫޢުތަކާއި ދާއިރާތައް، ޓެކްސް ނެގުމުން އިސްތިސްނާކުރާ މުއްދަތު ބަޔާންކޮށް ގެޒެޓު ކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިފަދަ އިސްތިސްނާއެއް ކުރުމުގެ ކުރިން ދަޢުލަތުގެ އާމްދަނީއަށް ކުރާނެ އަސަރާއި، އިގުތިޞާދީ އަދި އިޖުތިމާއީ ގޮތުން ލިބޭނެ ގެއްލުމާއި ފައިދާއަށް ރިއާއަތްކުރަންޖެހޭނެކަން ބިލުގައި ހިމަނާފައިވެއެވެ. މިބިލަށް ބަހުސްކުރެއްވި ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުންވަނީ މި ބިލުގެ މުހިއްމުކަން ފާހަގަކުރައްވައި މީގެ ސަބަބުން ދަޢުލަތަށް މާބޮޑު ގެއްލުމެއް ނުލިބޭނެކަމަށާއި، އޭގެ ބަދަލުގައި ބޭރުގެ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

އަދި ބިލަށް ބަހުސްކުރެއްވި ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުންވެސް އަދި އިދިކޮޅު މެންބަރުންވެސްވަނީ ޓެކްސް ނެގުމުގައި އިސްތިސްނާކުރެވޭ އުސޫލުތައް އެކުލަވާލުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މި ބިލުގައި ޤާނޫނުގެ އިސްތިސްނާވާ ޢާމްދަނީގެ ގޮތުގައި ރައީސާއި ނައިބުރައީސަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅަށް ދައުލަތުން ކުރާ ޚަރަދު އެ ދެބޭފުޅުންނަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ގޮތުގައި ނުހިމަނަންވެސް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ރައީސަށް ހާއްސަކުރެވިފައިވާ މާލެ އަތޮޅު އާރަށަށް ކުރާ ޚަރަދުވެސް އެ ޤާނޫނުން އިސްތިސްނާކޮށްފައިވާ އިނާޔަތްތެއްގެ ގޮތުގައި ހިމަނާފައިވާއިރު، ރައީސާއި ނާއިބު ރައީސްގެ އިތުރުން ރާއްޖޭން ބޭރުގައި ވަޒީފާއަދާކުރާ ޑިޕްލޮމެޓުންނަށް މަގާމުގެ މަސްއޫލިއްޔަތު ޢަދާކުރުމުގެ ސަބަބުން ލިބޭ އިނާޔަތަށް ވެސް އިންކަމް ޓެކްސް ނުހިނގާނެކަމަށް މިބިލުގައި ހިމެނެއެވެ.

މީގެ އިތުރުން އިޤްތިޞާދީ ކޮމިޓީންވަނީ ބިލު މަޖިލީހަށް ހުށަހެޅި ފަހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެއެއް ދައުލަތުން ހަމަޖައްސަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙްގެނެސް އެ އިޞްލާޙްތައް ރައީސް ތަސްދީގުކުރައްވާފައިވާތީ އެ ދެ ބޭފުޅުންނަށް ހަމަޖައްސަވައިދެއްވާ ރަސްމީގެ ކޮޅުގެ އާމްދަނީން ނަގާ ޓެކުހުން އިސްތިސްނާ ކުރުމަށްވެސް ނިންމާފައެވެ.

ބިލުގައި ހިމެނޭ އިތުރު ބައިތަކުގެ ތެރޭގައި، ޓެކްސް ނެގޭނެ ކަންކަމުގެ ތެރެއަށް، ގާނޫނާ ޚިލާފަށް ލިބޭ މުދަލާއި ފައިސާއާއި، ހޯދި ގޮތް ނޭނގޭ މުދަލާއި ފައިސާ، އިންވެސްޓްމެންޓް، އަދި އެންމެހައި މުދާ ހިމަނައި އިތުރު ކުރުން ހިމެނެއެވެ.

އާމްދަނީން ޓެކްސް ނެގޭނެ ހަރަކާތްތަކުގެތެރޭގައި، ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބޭ ކޮމިޝަން، އޭގެތެރޭގައި ރާއްޖޭގައި މުނިފޫހި ފިލުވައިދޭ މީހުންގެ އާމްދަނީއާއި، ރިސާރޗް ތަކަށް ލިބޭ އާމްދަނީ އާއި، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ލިބޭ އާމްދަނީ ވެސް ވަނީ ހިމަނާފައެވެ.

މުޅި މަޖިލީހުގެ ކޮމިޓީން މި ބިިލް ފާސްކުރީ އެއްމެ އިސްލާހަކާއެކުގައެވެ. މިބިލަށް އިޤްތިސާދީ ކޮމިޓީން ގެނައި އިސްލާޙުތަކާއެކު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 27 މެންބަރުންގެ ވޯޓުންނެވެ.