މަޝްހޫރު ބޮލީވުޑް ތަރި އާމިރު ޚާނާއި އަންހެނުން ކިރަން ރާއޯ ކައިވެނި ރުޅާލާ ވަރިވެއްޖެއެވެ.
މިކަން ޔަޤީންކޮށްދީ ދެމީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 15 އަހަރުގެ ދިގު ކައިވެނިން ދެ މީހުން ޙިއްޞާކުރީ ޙަޔާތުގެ ތަޖުރިބާތަކާއި އުފާވެރިކަމާއި އިޙްތިރާމެވެ. އަދި މިހާރު ދެ މީހުންވެސް ބޭނުންވަނީ ވަކިން ދިރިއުޅެން ކަމުގައިވެސް ބަޔާނުގައިވެއެވެ.
ދެމީހުން ވަކިވި ކަމުގައިވިޔަސް ދަރިފުޅުގެ ކަންތައްތައް ކުރިންވެސް ކުރިހެން ދެމީހުން އެކުގައި ކުރާނެކަމަށް ބުނެފައިވެއެވެ. އަދި ދެމީހުން އެކުގައި ހަދާފައި އޮތް ތިމާވެށީގެ މައްސަލަތަކާއި ދެކޮޅަށް މަސައްކަތްކުރާ ޕާނީ ފައުންޑޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމާއި އެހެނިހެން ޕްރޮފެޝަނަލް މަސައްކަތަކަށްވެސް ބުރޫ ނާރާނެކަމަށް ދެ މީހުންވެސް ވަނީ ބުނެފައެވެ.
2005 ވަނަ އަހަރު ކައިވެނިކުރި މި ދެމީހުންނަށް 2011 ވަނަ އަހަރު ވަނީ ސަރޮގޭޓްކޮށްގެން ފިރިހެން ދަރިފުޅު އާޒާދު ޚާންގެ އުމުރަކީ 9 އަހަރެވެ. ކައިވެންޏަށް 15 އަހަރު ފުރުން ދެމީހުން ވަނީ މިދިޔަ އަހަރު ފާހަގަކޮށްފައެވެ.
އާމިރުއާއި ކައިވެނި ކުރިފަހުން ކިރަން ވަނީ އޭނާގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ 2011 ވަނަ އަހަރު ދެއްކި ފިލްމު "ދޯބީގާތު" ޑައިރެކްޓް ކޮށްފައެވެ. މީގެއިތުރުންވެސް "ޕީޕްލީ ލައިވް" ، "ދަންގަލް" އަދި "ދިއްލީ ބެލީ" ގައިވެސް ދެމީހުން އެކުގައި ވަނީ މަސައްކަތް ކޮށްފައެވެ.
އާމިރު އާއި ކިރަން ދިމާވީ ފިލްމު "ލަގާން" ގެ މަސައްކަތްތަކުގެ ތެރެއިންނެވެ. ކިރަން މަސައްކަތްކުރީ އެ ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ.
އާމިރުގެ ކުރިއަށް އޮތް ފިލްމަކީ ކޮމެޑީ ޑްރާމާ ފިލްމު "ލާލް ސިންގް ޗައްޑާ" އެވެ. މި ފިލްމުގައި ކަރީނާ ކަޕޫރު ޚާންވެސް ލީޑް ރޯލުން ފެނިގެންދާނެއެވެ.