ތުރުކީވިލާތުގެ އަމަލްތަކަކީ ގަސްތުގައި ދެޤައުމުގެ ގުޅުމަށް ހުރަސްއެޅުމަށް ކުރާކަންތައްތަކެއް ކަމަށް ދެކޭ ކަމަށް ރަޝިޔާގެ ރައީސް ވްލާޑިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.ޕޫޓިން މިހެން ވިދާޅުވެފައިވަނީ ރަޝިޔާއިން ސޫރިޔާގައި ހިންގަމުންދާ އަސްކަރީ ހަރަކާތުގައި ބޭނުންކުރަމުންދިޔަ އަސްކަރީ ވައިގެ ސިފައިންގެ އުޅަނދެއް ތުރުކީވިލާތުގެ އަސްކަރިއްޔާއިން ޙަމަލާދީ ވައްޓާލުމާއި ގުޅިގެން ދެޤައުމުގެ ގުޅުމަށް ހީނަރުކަން އައިސްފައިވާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ ފައިޓާރޖެޓް އުޅަނދު ވައްޓާލި މައްސަލައިގައި ތުރުކީވިލާތުން ބުނީ އެ އުޅަނދު ތުރުކީވިލާތުގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެފައިވާކަމަށާއި އެ އުޅަނދަށް ޙަމަލާދީފައިވަނީ ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ކަމަށެވެ.އެހެން ނަމަވެސް މިޙަމަލާ ކުށްވެރިކުރައްވަމުން ޕޫޓިން ވިދާޅުވީ ތުރުކީގެ އަސްކަރީ މަތިންދާބޯޓަކުން ޙަމަލާދީ ރަޝިޔާގެ މި މަތިންދާބޯޓު ވައްޓާލާފައިވަނީ ސޫރިޔާގެ ވައިގެ ސަރަޙައްދު ތެރެއިން ދަތުރުކުރަމުންދަނިކޮށް ކަމަށާއި، ބޯޓު ވެއްޓިފައިވަނީ ތުރުކީއާ ސޫރިޔާ ގުޅޭ ސަރަޙައްދީ އިމުގެ ކައިރިން ސޫރިޔާއާވީ ފަޅީގެ ހަތަރު ކިލޯމީޓަރު އެތެރެއަށް ކަމަށެވެ. ތުރުކީވިލާތުން ދިން ހަމަލާގެ ބަދަލްހިފުމުގެ ގޮތުން ރަޝިޔާއިން އިޤްތިސާދީ ގޮތުން އެޤައުމަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ރަޝިޔާގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑެވް އަމުރުކުރައްވާފައިވެއެވެ.