ވިޔަފާރި

އޮންލައިންކޮށް ޚިދުމަތް ހޯދަން އުނދަގޫ ފަރާތްތަކަށް މީރާގެ ކައުންޓަރުތައް ހުޅުވަނީ


މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ކައުންޓަރުތައް ހޯމަ އަދި އަންގާރަ ދުވަހު ހުޅުވައި ޚިދުމަތްދޭނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މީރާގެ ކައުންޓަރުތައް ބަންދުކުރަން އެ އިދާރާއިން ވަނީ ނިންމާފައެވެ. މީރާއިން ބުނީ ކައުންޓަރުތައް ބަންދުކޮށް އޮންލައިން ޚިދުމަތް ދިންނަމަވެސް ބައެއް ފަރާތްތަކަށް އޮންލައިންކޮށް ޚިދުމަތް ހޯދަން ދަތިވެފައިވާކަމަށެވެ. އެހެންކަމުން އޮންލައިންކޮށް ޚިދުމަތް ހޯދުމަށް ދަތިވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް އުސޫލުން މިމަހުގެ 28 އަދި 29 ވަނަ ދުވަހު ޚިދުމަތްދިނުމަށް ކައުންޓަރުތައް ހުޅުވާނެކަމަށް މީރާއިން ބުނެއެވެ.

އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތައް މީރާއިން ވަނީ ފަސްކޮށްފައެވެ. ފަސްކޮށްފައިވާ ސުންގަޑިތަކުގެ އައު ސުންގަޑިތައް މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތް ދޭން ފެށުމުން އިޢުލާންކުރާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކޯވިޑް19އާ ގުޅިގެން މާލެ ސަރަހައްދުގައި ކޯވިޑް ފެތުރުން ހުއްޓުވައި، އަދި ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސާފައިވާތީ މީރާގެ ކައުންޓަރުތައްވެސް މިހާރު ވަނީ ގިނަދުވަސްތަކެެއް ވަންދެން ބަންދުކޮށްފައެވެ. މީރާގެ ކައުންޓަރުތައް ބަންދުކޮށްފައިވީނަމަވެސް އެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.