މާލެ, ހުޅުމާލެ ޕަވަރ އިންޓަރކަނެކްޝަން މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމައި، މާލެ ސިޓީއަށް ދިމާވާ ކަރަންޓުގެ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދައި ދިނުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އެދިވަޑައިގެންފިއެވެ.
މިނިސްޓަރ ޝައުނާ މިކަމަށް އެދިވަޑައިގެންނެވީ މާލޭ ސިޓީއަށް ކަރަންޓު ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތް ބައްލަވައިލެއްވުމަށް ސްޓެލްކޯއަށް ކުރެއްވި ޒިޔާރަތްކުރުގެތެރެއިންނެވެ.
އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝަޢުނާ މިއަދުވަނީ ސްޓެލްކޯއަށް ޒިޔާރަތްކުރައްވައި އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް އިންތިޒާމްކުރެވިފައިވާ ގޮތްތަކާއި، ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢުގެ އެންމެފަހުގެ މަޢުލޫމާތުތައް ހޯއްދަވާފައެވެ.
އެންވަޔަރަންމަންޓް މިނިސްޓަރީން ވިދާޅުވީ މިނިސްޓަރުގެ މި ޒިޔާރަތުގައި މިހާރު ކުރިއަށްދާ މާލެ ހުޅުމާލެ ޕަވަރ އިންޓަރކަނެކްޝަން މަސައްކަތް ޖުލައިގެ ނިޔަލަށް ނިންމާލައި، މާލެ ސިޓީއަށް ކަރަންޓު ދިނުމުގައި ދިމާވާ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް އެދިވަޑައިގެންނެވިކަމަށެވެ.
ސްޓެލްކޯއިން ވިދާޅުވެފައިވަނީ "ގްރޭޓަރ މާލެ އިންޓަރކަނެކްޝަން" މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުލެއާއި ހުޅުމާލޭގައި ޑިސްޓްރިބިއުޝަން ސިސްޓަމްތަކާއި ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ނިންމާލާފައިވާކަމަށެވެ.
އަދި ބްރިޖް މެދުވެރިކޮށް އަޅަންޖެހޭ ކޭބަލްތައް އެޅުމުގެ މަސައްކަތްކަތް ފަށާފައިވާއިރު، މުޅި މަޝްރޫއުގެ %93އަށްވުރެ ބޮޑުބައެއް ނިމިފައިވަކަމަށް ސްޓެލްކޯއިންވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލޭ ކަރަންޓު، އެއްވިއުގައަކުން ގުޅާލުމަށްޓަކައި ބްރިޖް މެދުވެރިކޮށް ޖުމުލަ 6 ކޭބަލް އަޅާއިރު، މި ވިއުގައިން 3 ރަށުގެ ކަރަންޓު ގުޅާލަން ބްރިޖާއި ހައިވޭ މެދުވެރިކޮށް އަޅާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ކެރީކުރެވޭ ނެޓްވޯކް ކޭބަލެކެވެ.
މި މަސައްކަތް މިއަހަރުގެ ތެރޭ ނިންމަން ކަނޑައަޅާފައިވާއިރު، މި މަޝްރޫޢުގެ ސަބަބުން، އެއް ރަށުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ރަށުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.
މި މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުމާލޭގައި 95 އެމްވީއޭ (މެގަ ވޮޓް އެމްޕް)ގެ ޓްރާންސްފޯމަރ ބަހައްޓާފައިވާއިރު، ހުޅުލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 8 އެމްވީއޭގެ ޓްރާންސްފޯމަރެވެ.
މިއީ ގްރޭޓަރ މާލެ ސަރަޙައްދަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ޙައްލު ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މާލެ ސަރަހައްދުގައި ކަރަންޓުގެ ޑިމާންޑު އަހަރަކު ގާތްގަނޑަކަށް %7އަށް އިތުރުވަމުން އަންނަ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މި މަޝްރޫޢާއެކު މިހާރު ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބި، ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ސަބަބުން މާލޭގެ ކަރަންޓުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ ކަރަންޓު ގްރިޑާ ގުޅާލެވޭނެއެވެ. އަދި ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް މައްސަލައެއް ދިމާވެއްޖެނަމަ މާލޭގެ ގްރިޑާ ގުޅާލެވޭނެއެވެ. މިއީ 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.