ޚަބަރު

ހިސާން ދަންޖައްސަންޖެހޭ ކަމަށް ވިދާޅުވި މައްސަލައިގައި ސިޔާމަށް މަޖިލީހުން ނަސޭހަތްދީފި


ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދަންޖައްސަންޖެހޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދަށް މަޖިލީހުން ނަސޭހަތްތެރިވެއްޖެއެވެ.

މެންބަރު ސިޔާމްއަށް މަޖިލީހުން ނަސޭހަތްތެރިވެފައިވަނީ މަޖިލީހުގެ ބައެއް މެންބަރުން ތިބި ތަނެއްގައި މެންބަރު ހިސާން އަކީ ދަންޖައްސަންޖެހޭ މީހެއްކަމަށާއި، އެމެންބަރު މަރާލިއަސް ފާފަވެރި ނުވާނެކަމަށްބުނެ ވާހަކަދައްކަވާފައިވާތީއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިކަމާއި ގުޅިގެން މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިކަން ބެލި އިމްތިޔާޒާއި ސުލޫކު ކޮމިޓީން ލަފާދެއްވާފައިވަނީ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމަށް ލިޔުމުން ނަސޭހަތްތެރިވުމަށްކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޤަދަރާއި ޝަރަފާއި، ކަރާމާތާއި އަބުރު ދެމެހެއްޓޭނެހެން މެންބަރުންގެ ޢަމަލުތައް ބެހެއްޓުމަށް މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް މީދޫ ދާއިރާގެ މެންބަރު ސިޔާމަށް ނަސޭހަތްތެރިވާ ކަމަށް ރިޔާސަތުން ވިދާޅުވިއެވެ. އަދި ނަސޭހަތުގެ ލިޔުން މެންބަރު ސިޔާމަށް މިހާރުވަނީ ފޮނުވާފައެވެ.

މިމަހުގެ 6 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމަށްފަހު، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ހުތުރުބަހުން ވާހަކަ ދެއްކެވި މައްސަލަ މެންބަރު ހިސާން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އަހްމަދު ސިޔާމް ވިދާޅުވި ވާހަކަތަކާއި ގުޅިގެން އެ މައްސަލަ ފުލުހުންނަށާއި، އެމްއެންޑީއެފްއަށް ހުށައަޅާފައިވާ ކަމަށް ރިޔާސަތުން ކުރިންވަނީ ވިދާޅުވެފައެވެ.

ހިސާން ހުސައިންއަށް ނިސްބަތްކުރައްވާ މެންބަރު ސިޔާމް ވިދާޅުވި ވާހަކަފުޅު މަޖިލީހުން ކުށްވެރިކޮށްފައިވާއިރު، ސިޔާމްގެ ވާހަކަފުޅާއި ގުޅޭގޮތުން ހިސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފިކުރުގެ ގޮތުން އެއް މެމްބަރަކު އަނެއް މެމްބަރަކާ ތަފާތު ޚިޔާލުތައް ގެންގުޅެވޭނެ ކަމަށެވެ. އެހެން ނަމަވެސް ނާތަހުޒީބުކަން އިސްކޮށް އަނިޔާވެރި އަމަލުތައް ހިންގުމަށް ހިތްވަރުދީ މެންބަރަކު ވާހަކަ ދައްކައި އަނިޔާވެރިވާން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ހިސާން ވިދާޅުވިއެވެ.